ޚަބަރު

ހުޅުމާލޭ މަގުތަކުގައި ދުވަސްވެ ބޭނުންނުކޮށްހުރި އުޅަނދުތަކެއް ނަގައިފި


  • މިއީ ހިނގާބިގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ހިންގާ ޕްރޮގްރާމެއް

  • ރޭ ހުޅުމާލެއިން 12 އުޅަނދެއް ވަނީ ނަގާފައި

މާލޭގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު އެ ވުޒާރާއިން ވަނީ މާލޭގައި މަގުތަކަކީ އެންމެންނަށް ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް ސިލްސިލާ ޕްރޮގްރާމެއް ފަށާފައެވެ.

މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ގިނަވެ މަގުތަކަށް ނުކަތާވަރު ވަނީ ވެފައެވެ. އުޅަނދުތައް ގިނަވެ ޕާކުކުރާނެ ތަނެއް ނެތި ހިނގާބިނގާވެ އުޅޭ މީހުންނަށާއި މަގު ބޭނުންކުރާ އެހެން މީހުންނަށްވެސް މިކަމުގެ އުނދަގޫތައް ވަނީ ތަހައްމަލްކުރަންޖެހިފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ދަނީ މިކަމަށް ހައްލެއް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގެ މަގުތަކަކީ ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް އެ މިނިސްޓްރީ އިން އިސްނަގައިގެން ކަމާއި ގުޅުންހުރި މުއައްސަސާތަކައި ގުޅިގެން ސިލްސިލާ ޕްރޮގްރާމެއް ދަނީ ކުރިއަށްގެންދަމުންނެވެ.

އާދިއްތަ ދުވަހުގެ ރޭ ވަނީ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި މަގުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ގިނަދުވަސްވަންދެން ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ ވެހިކަލްތަކާއި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް އެތަންތަނުން ނަގާފައިވެއެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް1 އަދި 2 އަކުން ޖުމްލަ 12 އުޅަނދު ވަނީ ނަގާފައެވެ.

މާލެ ސަރަހައްދުގައި ޕާކުކުރުމަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަޙައްދެއްވެސް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ޤާއިމްކޮށްފައެވެ. ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެޕިކްގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ 1 އަހަރު ތެރޭ ކުރެވުނު މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

މާލެ ސަރަހައްދުގައި ގިނަ ދުވަސް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ހުރި އުޅަނދުތައް ނެގުމާއި، ގަވައިދާ ޚިލާފަށް ޕާކު ކުރުމާއި ސުކޫލް އަދި މިސްކިތް ފަދަ ތަންތަނަށް އުނދަގޫވާގޮތަށް އުޅަނދު ޕާކު ކުރުމުގެ މައްސަލަ ހައްލުކުރުމަށް ކަމާގުޅުން ހުރި އިދާރާތަކާއެކު މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.