މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީގެ ދެވަނަ ބުރަށް ހިންނަވަރު ހައިނުސް އާއި، މުއިވެޔޮ ފްރެންޑްސް އަދި އެމްއެސް މޭޓްސް ދަތުރުކޮށްފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުތައް ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު، ޕްލޭއޮފް ބުރުގައި ވާދަކުރަނީ ދެވަނަ އާއި ތިންވަނަ އަދި ހަތަރުވަނަ ހޯދި ޓީމުތަކެވެ. މި ބުރުން މޮޅުވާ ޓީމުތަކަށް ދެވަނަ ބުރުގެ ފަހު ޖާގަތައް ލިބިގެންދާއިރު، ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅެފައިވަނީ ވެޓެރަންސް ކެޓެގަރީގެ ޕްލޭއޮފް މެޗުތަކެވެ. ފުރަތަމަ މެޗުން ހައިނުސް މޮޅުވީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުން މުއިވެޔޮ ފްރެންޑްސް މޮޅުވީ ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. ފަހު މެޗުން އެމްއެސް މޭޓްސް މޮޅުވީ މަޑިސްޓާސްއާ ވާދަކޮށް 6-0 ގެ ނަތީޖާއަކުންނެވެ.
ދެ ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް ޚާއްސަކޮށްފަވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށެވެ.