ކުޅިވަރު

އޯޕަން ޓޭޕްބޯލް: ކޭޑީއެމް ބަލިކޮށް ޗެމްޕިއަންކަން އެމްއޭސީއެލްއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ޗެމްޕިއަންކަން އެމްއޭސީއެލްއިން ދިފާއުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އެމްއޭސީއެލްއިން ކާމިޔާބުކޮށްފައިވަނީ ކޭޑީއެމްއާ ވާދަކޮށް 4 ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ކޭޑީއެމް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 25 ލަނޑު ހެދި އިސްހާގު އަޙްމަދެވެ. ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި 6.4 އޯވަރުގެ ތެރޭގައި ވަނީ ތިން ކުޅުންތެރިއަން ނުބައިވެގެން 95 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 34 ލަނޑު އެއްކުރި އާދަމް ނާސިފް އުމަރެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމުދެއްވީ މާލޭ ސްޕޯޓްސް ކުލަބުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާސިރާއި ފައިނަލް މެޗުގެ ޝަރަފުވެރިމެހެމާން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދީ 171 ލަނޑު ހަމަކުރި އެމްއޭސީއެލްގެ އާދަމް ނާސިފް އުމަރެވެ. އަދި މުބާރާތުގެ އެންމެ ގިނަ ވިކެޓް ނެގި އުކުންތެރިޔަކީ ފަސް ވިކެޓް ނެގި ލީމް ޝަފީގެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ބޯޅަހިފި ހޮވުންތެރިޔަކީ ފަސް ބޯޅަ ހިފި އެމްއޭސީއެލްގެ މުއާވިޔަތު އަބްދުލް ޢަނީއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގައި މާދަމާ ފެށުމަށް ހަމަޖެހިފަވަނީ ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެވެ.

މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާއިރު، ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތުގައި 12 ޓީމެއް ވަނީ ވާދަކޮށްފައެވެ. ދެން ކާނިވަލުގައި ކުރިއަށްދާނީ ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބާއްވާ އޮފީސް ޓޭޕްބޯލް މުބާރާތެވެ. އަދި ކާނިވަލްގެ ފަހު މުބާރާތަކީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ.