ޚަބަރު

ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީ ހުޅުމާލޭގައި ޤާއިމުކުރި އިންޖީނުގެ ހުޅުވައިފި


  • މި އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓު ބަހައްޓާނެ

  • މިހާރުވަނީ 7 ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރެވިފައި

  • ރޯދަ ނިމުމުގެ ކުރިން ބާކީ 5 ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރެވޭނެ

  • އެއާއެކު ހުޅުމާލޭ އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ

މިއަހަރުގެ ޕީކް ސީޒަނާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީ ހުޅުމާލޭގައި ޤާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފިއެވެ. ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 އިންޖީނުގެ ތަރައްޤީކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން އެންމެ 10 ދުވަހުގެ ތެރޭގައިކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ރަމަޟާން މަހަށްފަހު އަންނަ ޕީކް ސީޒަނާއި ދިމާކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށް ހުޅުމާލޭގައި ޤާއިމުކުރި ބެކަޕް އިންޖީނުގެ ނުވަތަ ހުޅުމާލޭ އެނެކްސް 2 ހުޅުވާފައިވަނީ 48000 އަކަފޫޓުގެ ބިމެއްގައި ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އިންޖީންގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ އެހެން އަހަރުތަކާއަޅާބަލާއިރު މިއަހަރުގެ ރަމަޟާން މަހު، ކަރަންޓު ކެޕޭސިޓީ މައްޗަށްދާ މިންވަރު އިތުރުވާނެކަމަށް ލަފާނުކުރެވޭކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ފަހު 10 އެއް ސަރުކާރު ބަންދުކުރުމާއި އަދި ސްކޫލް ޗުއްޓީއާއި ދިމާވުމުންކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންނަމަވެސް ރަމަޟާން މަހަށްފަހު އަންނަނީ ހޫނު މޫސުމުގެ ކަރަންޓު ޕީކްވާނެ ދުވަސްވަރުކަމަށް ބެލެވޭތީ ސްޓެލްކޯއިން ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.

"48،000 އަކަފޫޓުގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ، ބައު އިންޖީނުގެއިން ކާނުތަކެއް އަޅާ، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ގާތްގަނޑަކަށް 9 ދުވަސް ތެރޭ ތިބޭފުޅުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވައިފީމު." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ޤާއިމުކުރި އެނެކްސް 2 އީންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ސްޓެލްކޯއިންވަނީ ނިންމާފައެވެ. މީގެތެރެއިން 7 ޖަނަރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުންކުރަންވަނީ ފަށާފައެވެ. ބާކީ 5 ޖަނަރޭޓަރު ސެޓު މިރަމަޟާން މަހުގެ ތެރޭގައި ގެނެވި ރޯދައިގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިއާއެކު ހުޅުމާލޭ އިންޖީނުގޭގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެހެންކަމުން މިއަހަރުގެ ޕީކް ސީޒަންގެ ތެރެއިން އޯވަރ ލޯޑްވެގެން ކަރަންޓު ކެނޑޭނެކަމަށް ނުބެލެވުނުނަމަވެސް ސްޓެލްކޯއިން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ދިމާވާ ޓެކްނިކަލް ކަންތައްތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ.