ކުޅިވަރު

ގްރީޒްމަން ބޭނުންވާނަމަ އެތުލެޓިކޯއިން އޭނާ ދޫކޮށްލަނީ


ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބޭނުންވާނަމަ މި ސީޒަނަށްފަހު އޭނާ ދޫކޮށްލަން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން މަސައްކަތް ފަށައިފިއެވެ.

ބާސެލޯނާ އަށް ދެ އަހަރު ދުވަހު ކުޅުމަށްފަހު 2021 ވަނަ އަހަރު އަލުން އެތްލެޓިކޯއާ ގުޅުނު ފޯވަޑް އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރުގެ ސީޒަނާއެކު ހަމަވާނެ އެވެ. މިހެންވެ އޭނާ ކުލަބުގައި މަޑުކުރި ނަމަވެސް އަންނަ ސީޒަން ވެގެންދާނީ ކުޅުންތެރިޔާގެ އެންމެ ފަހު ސީޒަނަށެވެ. އެއާއެކު އެތުލެޓިކޯއިން މިހާރު ވަނީ ގްރީޒްމަން ބޭނުންވަނީ ކޮން ގޮތެއްތޯ އޮޅުން ފިލުވުމަށް އޭނާއާއެކު މަޝްވަރާތައް ފަށައިފަ އެވެ.

އުމުރުން 33 އަހަރުގެ ކުޅުންތެރިޔާގެ ނުގަބޫލުގައި އޭނާ ދޫކޮށްލަން އެތުލެޓިކޯއިން ބޭނުމެއްނުވެ އެވެ. ސަބަބަކީ އޭނާ އަކީ އެކުލަބަށް ވަރަށް ގިނަ ދުވަހު ކުޅުނު އެކުލަބުގެ ލެޖެންޑަކަށް ވާތީއެވެ. ގްރީޒްމަން ވަނީ 2014 އިން 2019 ވަނަ އަހަރާ ހަމައަށް އެތްލެޓިކޯ އަށް ކުޅެދީފަ އެވެ. އޭގެ ފަހުން 100 މިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ބަދަލުވެ ދެ ސީޒަނަށް ފަހު އެނބުރި އައިސް މިއީ އޭނާގެ ތިން ވަނަ ސީޒަނެވެ. ނަމަވެސް މިހާރު ހަދާފައިވާ އެއްބަސްވުން ނިމުމުން އައު އެއްބަސްވުމެއް އޭނާއަށް ނުދޭނެ އެވެ.

އެތުލެޓިކޯ އަށް 131 ގޯލު ޖަހާދީފައިވާ ފޯވަޑް ވަނީ ކުޅުން ހުއްޓާލުމުގެ ކުރިން އެމެރިކާ ލީގުގައި ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މިގޮތުން އެމެރިކާގެ ލޮސް އެންޖެލެސް އެފްސީން އޭނާ ލައްވައި ކުޅުވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ލީގަށް ބަދަލުވާނަމަ ގްރީޒްމަން ދިއުން އެންމެ ގާތް ކުލަބަކީވެސް އެއީ އެވެ.

މިހެންވެ އެތުލެޓިކޯއިން މިހާރު ބޭނުންވަނީ ކުޅުންތެރިޔާ ބޭނުންވާ ގޮތެއް ދެނެގަތުމަށެވެ. ކުރިއަށް އޮތް ސީޒަން ނުކުޅެ ކުލަބު ބަދަލުކުރަން ގްރީޒްމަން ބޭނުންވާނަމަ އެއީ އެތުލެޓިކޯއަށްވެސް ފައިދާ ހުރި ވިޔަފާރިއަކަށްވާނެ އެވެ. އެއީ އަންނަ ސީޒަން ނިމުމުން ފްރީ ޓްރާންސްފާއެއްގައި ދިއުމުގެ ބަދަލުގައި ކުޑަ އަގެއްގައި އޭނާ ވިއްކާލުމުގެ ފުރުސަތު މި ސީޒަނަށް ފަހު ލިބިގެންދާނެތީ އެވެ.

ފްރާންސަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ގްރީޒްމަން ވަނީ ފްރާންސްގެ ގައުމީ ޓީމަށް 137 މެޗުން 44 ގޯލު ޖަހައިދީފަ އެވެ.