ޚަބަރު

ރައީސްގެ އިސްނެންގެވުމާއެކު މިފެށޭ މަޝްރޫޢުތަކުން އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ: ވަޒީރު ޑރ. ޝަހީމް


  • ރައީސްގެ ޒައާމަތުގައި އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ

  • ރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެ

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިފެށޭ މަސައްކަތްތަކުން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާާއި ބައްދަލުކުރައްވާ، ރައްޔިތުން އެދޭ ގޮތަށްކަމަށެވެ. އެގޮތުން އަަމަލީ މަސައްކަތް ފެށޭ މި މަޝްރޫއުތަކަކީވެސް މިފަދަ މަަޝްރޫއުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝަހީމު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށާއި މި މަސައްކަތްތަކަކީ ރައީސް ވަރަށް ގާތުން ބައްލަވާ މަސައްކަތެއްކަމަށެވެ.

" ރައީސްގެ ވެރިކަމުގައި އިސްލާމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެ. އަދި މިކަމަކީ ރައީސް ވަރަށް ގާތުން ބަލާނެ ކަންކަން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަހީމު ވިދާޅުވީ މި މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެގެންދާނެކަމަށާއި އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، ދިވެހިރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެކަމަށެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ 14 މަޝްރޫޢުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށާއި، 1 ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އިތުރުން 11 ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށެވެ.