ކުޅިވަރު

އެއްބާރުލުންދީ، މަސައްކަތް ކުރަނީ ފުޓްބޯޅައިގެ ހައްގުގައި: ޝިބާއު


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަށް އަންނަ ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާ ދެކޮޅަށް ނުކުންނައިރު އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މުޅި ޓީމު އެކީ މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހައްގުގަކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ބުނެފިއެވެ.

ގައުމީ ޓީމު އިންޑިޔާއަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގަ ޝިބާ ބުނީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމައްޓަކައި ހުރިހާ އެންމެން ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

" އަޅުގަނޑުމެންނަށް ހުރިހާ އެންމެންގެ ފަރާތުންވެސް އެއްބާރުލުން ދެއްވާށޭ، މި ޓީމުގައި ތިބި 23 ކުޅުންތެރިންނާއި، ދެން މިދަތުރު ކުރާ ހުރިހާ އޮފިޝަލުންނަކީ ވެސް ފުޓްބޯޅައިގެ ހައްގުގައި މަސައްކަތްކުރަން ތިބި ބަޔެކޭ." ޝިބާ ފާހަގަކުރިއެވެ.

ޝިބާ އިތުރަށް ބުނީ ފަސްނުޖެހި މަސައްކަތްކުރާނީ ފުޓްބޯޅަ އަލުން ކޮޅަށްޖަހާ ދިރުވަން ކަމަށާއި ޓީމު ދަތުރު ފަށަނީ ސަޕޯޓަރުންނަށް ހިނުތުންވުމެއް ގެނެސްދިނުމަށްކަމަށެވެ. ފިލިޕީންސް މެޗުގެ ކުރިން އިންޑިއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެލަން ލިބުމަކީ ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ޝިބާ ވަނީ ފާހަގަކޮއްފައެވެ.

ގައުމީ ޓީމު އިންޑިއާ މެޗު ކުޅުމަށް ހަމަޖެހިފަވާ ޝިލޮންގަށް ދިޔުމަށް ހަމަޖެހިފަވަނީ ދިގުދަތުރަކަށް ފަހުއެވެ. މާލެއިން ޓީމު ދެ ގުރޫޕަކަށް ބަހަލާއިގެން ފުރިއިރު ދިއްލީ އިން ކަލްކަތާއަށް ގޮސް ޓީމު އެކީ ޝިލޮންގަށް ދިޔުމަށް 10 ގަޑިއިރު ހޭދަވާނެއެވެ. އަދި މެޗުގެ ކުރިން އިންޑިއާގައި ދެދުވަހު ފަރިތަކުރަން ފުރުސަތު ލިބޭނެއެވެ.

ސަރަހައްދީ ގަދަ ބާރު އިންޑިއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު އެންމެ ފަހުން އިންޑިޔާ ދެކޮޅަށް ރާއްޖެ ކުޅިނީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފްޗެމްޕިއަންޝިޕްގައެވެ.
ބުދަ ދުވަހު އިންޑިއާގެ ޖަވާހިރުލާލް ނެހެރޫ ސްޓޭޑިއަމްގަ ކުޅޭ މެޗު ފަށާނީ ރާއްޖޭގެ ގަޑިން އިރުއޮއްސި 18:30 ގައެވެ.