ބ. ތުޅާދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފަވަނީ 2023 ވަނަ އަހަރުގެ ޖުލައިމަހުއެވެ. މި ހޮސްޕިޓަލު ތަރައްޤީކުރަނީ ދެ ފަންގިފިލާގެ އިމާރާތެއްގައެވެ. މި ޕްރޮޖެކްޓަކީ ބ. އަތޮޅުގެ އިތުރުވަމުން އަންނަ އާބާދީއާއެކު، މިހާރު އޭދަފުށީގައި ހިންގާ އަތޮޅު ހޮސްޕިޓަލުގެ ބާރު ކުޑަކުރުމަށް ތަރައްޤީކުރަން ފެށި ތަނެކެވެ.
މި ޕްރޮޖެކްޓްގައި މުޅި ހޮސްޕިޓަލުގެ ފައުންޑޭޝަނާއި ފުރަތަމަ ފަންގިފިލާގެ ތަނބުތަކާއި ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އިމާރާތުގެ އެންމެ ފަހުން ނިމިފައިވަނީ ޓެރަސްގެ ޝީޓް އެޅުމުގެ މަސައްކަތްތެވެ. އެމްޓީސީސިއިން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ގްރައުންޑް ފްލޯ މެސަންރީގެ މަސައްކަތާއި އަދި ރޫފް ލެވެލް ކޮލަމް ކާސްޓިންގެ މަސައްކަތްކަމަށެވެ.
ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާއިރު އަމާޒަކީ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުންކަމަށް އެމްޓީސީސިއިން ވިދާޅުވެއެވެ.
ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ މީހުން ތުޅާދޫ ސިއްޙީ މަރުކަޒުގެ އޯޕީޑީއަށް ދައްކާކަމަށް އެމަރުކަޒު ހިންގާ ބަލަހައްޓަމުން އަންނަ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.
މި ހޮސްޕިޓަލާއެކު ތުޅާދޫ ކައިރީގައި ދެން އޮންނަ، ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށްވެސް ސިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.
ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 114.50 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ.