ޚަބަރު

ފޯކައިދޫ އިސްލާމީ މަރުކަޒު ހިމެނޭހެން 12 ރަށެއްގެ މިސްކިތާއި ދެ ރަށެއްގެ ގުރުއާނާބެހޭ މަރުކަޒު އަޅަން ކުންފުނިތަކާ ހަވާލުުކޮށްފި


  • އެމްޓީސީއާއި ހަވާލުކޮށްފައިވަނީ 3 ރަށެއްގެ މަސައްކަތް

  • ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައިވަނީ 11 ރަށެއްގެ މަސައްކަތް

އިސްލާމީ މަރުކަޒެއް ހިމެނޭހެން 12 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށާއި 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ޤާއިމްކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ފެނަަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކާއެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 35 މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިވަނީ ފަށާފައެވެ. އެގޮތުން ށ. ފޯކައިދޫގައި ތަރައްޤީކުރާ އިސްލާމީ މަރުކަޒު ހިމެނޭހެން އިތުރު 11 ރަށެއްގައި މިސްކިތްތައް އިމާރާތްކުރުމަށާއި ލ. މާބައިދޫ އަދި ޅ. އޮޅުވެލި ފުށީގައި ޤުރުއާން މަރުކަޒެއް ބިނާކުރަން ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ތެރެއިން 11 ރަށެއްގައި މިސްކިތްތަށް ބިނާކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު އެމްޓީސީއާ ހަވާލުކޮށްފައިވަނީ 3 ރަށެއްގެ މަސައްކަތެވެ.

މިސްކިތް ބިނާކުރާ ރަށްތައް

ށ. ނޫމަރާ
ހދ. ނެއްލައިދޫ
ތ. ހިރިލަންދޫ
ރ. އިނގުރައިދޫ
ސ. ފޭދޫ
ބ. ކުޑަރިކިލު
ނ. ހެނބަދޫ
ތ. ވޭމަންޑޫ
ބ. މާޅޮސް
އއ. ފެރިދޫ
ހއ. ބާރަށް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި 3 ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެކަމަށެވެ. އަދި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނެކަަމަށާއި މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށުރުމާއެކު ޤުރުއާން ކިޔަވައިދޭ ކުލާހެއް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.

އިސްލާމީ މަރުކަޒާއި، ޤުރުއާން މަރުކަޒުތަކުގެ އިތުރުން 8 ރަށެއްގައި މިސްކިތްތައް އިމަރާތްކުރުމަށް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއެވެ. މިކަމުގެ އެއްބަސްވުމުގައި އިސްލާމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހްއެވެ.

މީގެ އިތުރުން ބ. މާޅޮސް، އއ. ފެރިދޫ އަދި ހއ. ބާރަށުގައި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދު ހަވާލުކުރެވުނު މިސްކިތްތަކުގެ މަސައްކަތް 2 އަހަރު ދުވަހު ނިންމަން އަމާޒުހިފާފައިވާކަމަށެވެ. އަދި މި މިސްކިތްތައް މިފަހަރު އިމާރާތްކުރާއިރު ގުރުއާން ކިލާސްތަކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން ކުރަން ވަޢުދުވެލައްވާފައިވާ ގިނަ ކަންކަން ވުޒާރާއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ވަޤުފް އިމާރާތްތަކުގެ މަސައްކަތާއި، ޒުވާން ޙަޠީބުންގެ މަޝްރޫޢުއާއި، ޒުވާން ޙާފިޡުން އުފެއްދުމާއި ޙާފިޡުންނަށް ފުރުސަތު ފަހިކޮށްދިނުން ފާހަގަކޮށްލެވެއެވެ.