ދިވެހިރާއްޖެއާއެކު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު ހުކުރު ދުވަހު ހެނދުނު ޝިލޮންގަށް ހިނގައްޖެއެވެ.
މި ދެ ގައުމުގެ މެޗު ކުޅެން ހަމަޖައްސާފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. ޝިލޮންގަށް އިންޑިޔާގެ ގައުމީ ޓީމު ދިއުމުން ޓީމުގެ މެނޭޖަރު ވެލޫ ދަޔަލަމާނީ އަށް މަރުހަބާ ކިޔާފައިވަނީ މަގަލާޔާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ފަރާތުން އެތަނުގެ ރައީސް ހަމްލެސްޓަން ދޯލިންގެވެ.
ޝިލޮންގައިވާ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅޭ މެޗަށް ދިވެހިރާއްޖެ ހޮނިހިރު ދުވަހު ފުރައިގެން ދެވޭނީ އާދީއްތަ ދުވަހު ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
މި ތަނުގައި މެޗު ކުޅޭއިރު ދަތުރު ފަތުރުގެ ދަތިކަމާހުރެ ރާއްޖެއިން ވަނީ މެޗު އިންޑިޔާގެ އެހެން ސިޓީއެއްގައި ކުޅެން ހުށަހަޅާފަ އެވެ. ނަމަވެސް އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާއިން އަންނަ ހަފުތާގައި ބަނގްލަދޭޝްއާއެކު ކުޅެންޖެހޭ މެޗު އޮތީ މި ދަނޑުގައި ކަމަށްވުމުން ރާއްޖޭގެ ހުށަހެޅުން ގަބޫލު ނުކުރަން ވަނީ ނިންމާފަ އެވެ.
މަގަލާޔާ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އިންޑިޔާއިން ރާއްޖެ އާއި ބަނގަލްދޭޝްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ޝިލޮންގެގެ ދަނޑުގެ އަޑިގުޑަން ހިސާބުތަކުގެ ފަސްގަނޑު ޖަހައި އެއްވަރުކޮށް، ބައިނަލް އަގްވާމީ ފެންވަރަށް ދަނޑުގެ އިންތިޒާމްތައް މުޅިން ފުރިހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ޝިލޮންގައި މެޗު ކުޅެން އޭއައިއެފްއެފްއިން ނިންމީ މިތަނުގައި މީގެ ކުރިން ރަނގަޅު މުބާރާތްތަކަކާއި މެޗުތަކެއް އިންތިޒާމްކޮށްފައިވާތީ ކަމަށެވެ. އަދި ރާއްޖެ އާއި ބަނގްލަދޭޝް މެޗު މި ދަނޑުގައި ކުޅެވުމަކީ މަގަލާޔާ އާއި ޝިލޮންގްގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު އިތުރު ބާރަކަށްވާނެ ކަމަށެވެ.