ތަޢުލީމު

ޑިސްޓަންސް ލާރނިންގ ޕޮލިސީއެއް އެކުލަވާލަނީ


ނޭޝަނަލް ޕޮލިސީ އިން އޯޕެން އެންޑް ޑިސްޓެންސް ލަރނިންގެ ނަމުގައި ޤައުމީ އޮނިގަނޑެއް އެކުލަވާލާ ނިމިފައިވާ ކަމަށާއި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ އޮނިގަނޑު ތަންފީޒު ކުރެވިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން ހާމަކުރައްވައިފިއެވެ.

އޯޕެން އެންޑް ޑިސްޓެންސް ލަރނިންގއަކީ ކްލާސްތަކަށް ހާޒިރުވާން ނުޖެހި އޮންލައިންކޮށް އެމީހަކު ހުރި ރަށެއްގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ލިބިދޭ ކިޔަވައިދިނުމުގެ މޮޑެލެކެވެ. މިއީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން މޮނިޓަރކޮށް ވަކި އުސޫލެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއް ކަަމަށް ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން ވިދާޅުވިއެވެ. މި މޮޑެލް މިހާރުވެސް ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ ބައެއް އަމިއްލަ ކޮލެޖްތަކުގައި ކުރިއަށްގެންދެއެވެ. އެހެން ނަމަވެސް ޤައުމީ އޮނިގަނޑެއްގެ ތެރެއިން މިކަން ކުރަން ފެށުމުން ކިޔަވައިދެވޭ ފެންވަރު ރަނގަޅުވެ، އިތުރު ޓެކްނޮލޮޖީ މި ކަމުގައި ބޭނުންކުރެވިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން މަޢުލޫމާތުދެއްވައެވެ. 

އެޑިއުކޭޝަން މިނިސްޓަރގެ ނައިބް އަޒްލީން އަހުމަދު ވިދާޅުވީ މިކަމާބެހޭ ޤައުމީ ޕޮލިސީއެއް އެކުލަވާލެވުމަކީ އަތޮޅުތަކުގައި ތިބި މަތީ ތަޢުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމަކަށް ކަމަށެވެ. އަދި ކިޔަވައިދިނުން ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށް ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގުޅިގެން މި އޮނިގަނޑުގެ ތެރޭން މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މޮޑެލްއަކީ ޔޫރަޕާއި އެފްރިކާ އަދި މި ސަރަހައްދުގެ ގައުމުތަކުގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މޮޑެލެކެވެ.