ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް މުޒާހަރާތަކުގައި ވާހަކަދެއްކުމަކީ ޚިޔާލުފަޅުކުރުން ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން މިހެން ވިދާޅުވީ ނެރުނު ނޫސްބަޔާނެއްގައެވެ.
އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ބައިވެރިއެއް، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަގޮތަކަށް މުޚާޠަބުކޮށް ވާހަކަ ދައްކާފައިވާތީ, އެޗްއާރުސީއެމުން ވަނީ އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.
އެޗްއާރްސީއެމްގެ ބަޔާނުގައި ވިދާޅުވީ، މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ ފަރާތުން މާލޭގައި ކުރަމުންދާ މުޒާހަރާތައް އެކޮމިޝަނުން މޮނީޓަރކުރައްވަމުންދާކަމަށެވެ. މިގޮތުން މިމަހުގެ 12 ވަނަ ދުވަހު އެޕާޓީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަގޮތަކަށް މުޒާހަރާގެ ބައިވެރިން ވާހަކަދައްކާފައިވުމަކީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެކަމެއް ނޫންކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައިވަނީ ވިދާޅުވެފައެވެ. އަދި އެގޮތަށް މުޒާހަރާގެ ބައިވެރިން ވާހަކަދެއްކުން އެކޮމިޝަނުންވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.
އެޗްއާރްސީއެމުންވަނީ މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ. އެޗްއާރްސީއެމުން ވިދާޅުވީ ކުޑަކުދިންނަކީ ޤާނޫނު އަސާސީއާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޤާނޫނުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދީފައިވާ ބަޔަކަށް ވީހިނދު އެކުދިންގެ ކަރާމާތަށާއި އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް އެކޮމިޝަނުންވަނީ ގޮވާލައްވާފައެވެ.
ނޫސް ބަޔާން:https://t.co/fVEcUOm9R2 pic.twitter.com/D5qvZuZYuD
— HRC of the Maldives (@hrcmv) March 13, 2025
އެޗްއާރްސީއެމްގެ ބަޔާނުގައިވަނީ އެމްޑިޕީގެ މުޒާހަރާ މޮނީޓަރކުރުމުގެ ތެރޭގައި ފާހަގަކުރެވިފައިވާ އެހެން ބައެއްކަންކަންވެސް ބަޔާންކުރައްވާފައެވެ. އެގޮތުން ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިންގާ އެކިވަރުގެ އަނިޔާތައް މުޒާހަރާގެ ބައިވެރިންނަށް ލިބިފައިވާކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ބައިވެރިން އަޑުގަދަކުރާ ބޭނުންކޮށްގެން މާލޭގެ މަގުތަކާއި ގްރީން ޒޯން ހިމެނޭ ސަރަޙައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާކަމަށާއި އެކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން މަސައްކަތްކޮށް ބައިވެރިން ހުއްޓުވާފައިވާކަންވެސް މިބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ. އެޗްއާރްސީއެމުންވަނީ މުޒާހަރާކުރުމުގައި އާންމުންނަށާއި ޓްރެފިކަށް ދަތިނުވާނޭހެން މުޒާހަރާ އިންތިޒާމުކުރުމަށް ގޮވާލައްވާފައެވެ.
އެޗްއާރްސީއެމުންވަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން އެއްވެ އުޅުމުގައިވެސް އެކަކު އަނެކާގެ ޙައްގުތަކަށް އުނިކަން ނާންނަފަދަގޮތަކަށް ޒިންމާދާރުކަމާއެކު ޙައްގުގެ ބޭނުން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤާނޫނު އަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވާ ހުދޫދުގެ ތެރޭގައި އެކަން ކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައިވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތްތަކުގައިވެސް ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްވަނީ ގޮވާލައްވާފައެވެ. އަދި މުޒާހަރާ ކަވަރކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންގެ މަސައްކަތަށްވެސް ހުރަސް ނޭޅޭނެހެން ފުރުސަތު ދިނުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.