އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ގްރޫޕް އޭގައި މިއަދު ހަވީރު ވިލިމާލެ ޔުނައިޓެޑާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ވިލާމެ ޓީމުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، މި ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސިފައިންގެ ކުލަބުންނެވެ. މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަފްރާހު އިބްރާހީމެވެ.
އޭގެ ފަހުން މި މެޗުގައި ވިލިމާލެއިން ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓުކުރިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 49 ވަނަ މިނެޓުގައެވެ. މި ލަނޑު ވިލިމާލެއަށް ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި އިސްމާޢީލް މުޙައްމަދެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގެ ކުރީގައި އޮތް ސިފައިންގެ ކުލަބާއި ވިލިމާލެއަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ހުއްރިއްޔާ ސްޕޯޓްސް ކުލަބަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސްއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ޒެލޮޓަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.