މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލީ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މެންބަރުގެ ޖާގަ ހުސްވެފައިވާތީކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.
އެއޮފީހުން ވިދާޅުވީ، ބޯޑަށް މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރާނެކަމަށެވެ. އަދި އެއަށްފަހު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީން ކުރާނެކަމަށެވެ.
ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް ޢައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
* ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުން.
* ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން.
* ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
* ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ކުންފުންޏެއް ކޮންޓްރޯލްކުރާ
ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.
މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ޕެންޝަން އޮފީހަށް ގޮސްގެންނާއި އެ އޮފީހުގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ 13:00 އެވެ.
2009 ވަނަ އަހަރު ޤާއިމްކޮށްފައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ އޮފީހެކެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ ވުޒާރާގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއްގެ އިތުރުން ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.