ކޯވިޑުގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ހޯދަން ހަވާލުކުރި ކުންފުނިން އެތަކެއްޗަށް ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރު ފޯރުކޮށްނުދިން މައްސަލައިގައި ހިމެނޭ މީހުންނަށް ޖިނާޢީ ތަހުގީގެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން ފާސްކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ މީހުންނަށް ޖިނާޢީ ތަހުގީގެއްކޮށް، އެ މައްސަލައިގައި މަކަރާއި ހީލަތް ހެދިކަމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހެޅުމަށެވެ. ވެންޓިލޭޓަރުތަކުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ މައްސަލައާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ކޮމިޓީއަށް ފޮނުއްވި ސިއްރު ސިޓީއަކަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން، ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުން އާބިޓްރޭޝަނަށްދިޔަ ކަމަށާއި 1.88 މިލިޔަން ޑޮލަރާއި އެހެން ޚަރަދުތަކުގެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ފައިސާއަކީ މަދަނީ ގޮތުން އާބިޓްރޭޝަން މެދުވެރިކޮށް މަސައްކަތްކޮށްގެން ލިބިދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ކަމަށާއި ފުލުހުންނަށް އެކަމާބެހޭ ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ލަފާދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ކުރީ ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރީ ބޭންކް ގެރެންޓީއަކާ ނުލައި ކަމަށެވެ. އަދި 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ކުންފުންޏާއި ގުޅޭ އެއްވެސް ތަފްސީލެއް ހޯދުމެއް ނެތި، އަދި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ ކަމުގެ ގާބިލުކަން ހުރިތޯވެސް ނުބަލާކަމަށެވެ. އަދި މިމައްސަލައިގަ ހިމެނޭ ބައެއް މީހުންނަށް ދަޢުވާކުރަން ނިންމިނަމަވެސް ގިނަ މީހުންގެ މައްސަލަ ވަނީ ފަހުން ފައިލްކޮށްފައެވެ.