ޚަބަރު

މަގުމަތި ބޭނުންކުރާ ފަރާތްތަކުން ޓްރެފިކަށް ސަމާލުވާންޖެހޭ


މަގުތަކަކީ ހިނގާބިނގާވާ މީހުންނަށާއި، ދުއްވާ މީހުންނަށް ރައްކާތެރި މަގުތަކަކަށް ހެދުމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން މަގުތަށް ބޭނުންކުރުމުގައި އެންމެ އިސްކަމެއް ދޭންވީ ޓްރެފިކް ނިޝާންތަކަށެވެ.

ޓްރެފިކް ނިޝާނަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބޭނުންކުރާނޭގޮތް އަންގައިދޭ ނިޝާންތަކެކެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެނިޝާންތަކާއި އެއް ގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކާއި އެކްސިޑެންޓްތައް ހިންގަމުންދެއެވެ.

އާންމު ފަރާތްކުންނާއި ކުޑަކުދިންނާއި، ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކުން މަގުތަށް ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަން ދިނުމަކީ މިފަދަ ޙާދިސާތައް މަދުކުރުމަށް އެޅިގެންދާނެ ފިޔަވަޅެކެވެ. ޚާއްސަކޮށް ދުއްވާ މީހުން ޓްރެފިކް ލައިޓުތަކުން ދައްކުވައިދޭ ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަކީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް. ޓްރެފިކް ލައިޓުގައި ޢާންމުކޮށް ބޭނުންކުރާ ނިޝާންތައް ހުންނަނީ ރަތް، ފެހި އަދި އޮރެންޖު ކުލައިން ފާހަގަކުރެވޭ ގޮތަށެވެ. ފެހި ކުލައިގެ ނިޝާނުން ރަމްޒުކޮށްދެވޭނީ މަގު ހުރަސްކުރަންވީ ވަގުތު ކަމެވެ. އަދި ރަތް ކުލައިން ރަމްޒުކޮށްދެނީ ދުއްވަމުންދާ އުޅަނދުތައް މަޑުކުރަންވީ ކަމެވެ. އަދި އޮރެންޖު ލައިޓް ދިއްލުމަކީ ރަތް ލައިޓު ދިއްލޭ ކަމުގެ ނިޝާނެވެ.

img:http://s2.psmnews.mv/images/660x400/3278.jpg|އައްޑޫ ލިންކްރޯޑުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއް- ގިނަ ފަހަރަށް މިފަދަ އެކްސިޑެންޓް ހިނގާފައިވަނީ ދުއްވަން ވާވަރަށްވުރެ ބާރަށް ދުއްވުމުގެ ސަބަބުން ކަން ފާހަގަކުރެވޭ- ފައިލް ފޮޓޯ: ޕޮލިސް މީޑިއާ

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕޮލިސް ސަރޖެންޓް ޙުސައިން އަސްލަޙު ވިދާޅުވީ، ދުއްވާ މީހުން ލައިޓަށް މަޑުކުރާއިރު ވީހާވެސް ބޮޑަށް ދާން ބޭނުންވާ ފަޅީގައި މަޑުކުރަމަކީ އެދެވިގެންދާ ކަމެއް ކަމަށެވެ.

މަގުމަތީގައި ހިނގާބިގާވެ އުޅޭ އިރު އަބަދުވެސް ދުވާރުމަތިން ހިނގުމަށް އާދަކުރަންޖެހެއެވެ. މަގު ހުރަސްކުރާ ފަރާތްތަކުންވެސް، ކަފިހިހުރަސް ނޫން ތަންތަނުން މަގު ހުރަސްކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ކަފިހިހުރަސް ނޫން ތަންތަނުން މަގު ހުރަސްކުރުމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.

މަގުމަތި ބޭނުންކުރާއިރު މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުން އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާއިރު، މިއަހަރުގެ މިހާތަނަށް ބާރަސަތޭކައަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި މިދިޔަ އަހަރު 2044 އެކްސިޑެންޓް ހިނގާފައިވެއެވެ.