ކުލަބު ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތައް އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމުންވާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރަމުން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ ހޮނިހިރު ދުވަހު އެ ޓީމުން ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށާއި، ދިވެހި ޕްރިމިއަރ ލީގަށް އެ ޓީމަށް ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވާނެ ކަމަށެވެ. އައު ސީޒަނަށް ނިކުންނަ "ގްރީން ބޯއީސް" ގެ ސްކޮޑް ފައިނަލް ކުރާނީ ފަރިތަކުރުންތަކަށް ފަހު ކަމަށް ނިސްތާރު ބުންޏެވެ.
ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކުޅުންތެރިން އައު ސީޒަނާ ކުރިމަތިލާއިރު ފިޓްނަސް ޗެލެންޖަކަށް ވާނެ ކަމަށާއި، ޚާއްސަކޮށް ގްރީން ސްޓްރީޓްސްއަށް ލަހުން ފަރިތަކުރުންތައް ފެށޭތީ އެކަން ދިމާވާނެ ކަމަށް ކޯޗު ބުންޏެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކުލަބުތަކަށް ބޭނުން ކުރެވޭނީ ހަމައެކަނި ތިން ބިދޭސީ ކުޅުންތެރިން ކަމަށް ނިންމައި، ކުއްލިއަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީން އެ ބަދަލު ގެނައުމަކީވެސް ޗެލެންޖެއް ކަމަށް ނިސްތާރު ފާހަގަކުރިއެވެ.
"ބިދޭސީ ތިން ކުޅުންތެރިންނަށް އެކަނި ހުއްދަ ދިނުމަށް ނޯމަލައިޒޭޝަން ކޮމިޓީން ކުއްލި ބަދަލެއް ގެނައުމަކީ ބޮޑު ގޮންޖެހުމެއް. ސަބަބަކީ މިހާރު ދިވެހި ކުޅުންތެރިންގެ އަގު ބޮޑުވުން. އެއީ އެހެން ކުލަބުތަކަށްވެސް އޮތް ގޮންޖެހުމެއް. އެކަމަކުވެސް އިންޝާﷲ އަޅުގަނޑުމެން ކުރިމަތިލާ ކޮންމެ ޓީމަކަށްވެސް އުނދަގޫ ކުރާނަން" ނިސްތާރު ބުންޏެވެ.
ގްރީން ސްޓްރީޓްސް މި ވަގުތު އޮތީ ފުލް ސްޓްރެންތުގައި ނޫން ކަމަށާއި، އެހެންނަމަވެސް އެއީ ގޮތް ދޫނުކުރާ، މަސައްކަތުގެ ރޭޓް މަތި ޓީމެއް ކަމަށް ކޯޗު ބުންޏެވެ. އަދި އެކަމަށް ބަދަލެއް ނާންނާނެ ކަމަށާއި، އައު ފެށުމެއް ކަމަށް ވުމުން ބަޖެޓު ތަންދޭ މިންވަރަކުން އެންމެ ރަނގަޅަށް ކުރިއަށް އޮތް ސީޒަނަށް އެ ކުލަބުން ތައްޔާރުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ސީޒަނަށް ނުކުންނައިރު ގްރީން ސްޓްރީޓްސްގެ ޖޯޒީގައި ފެންނާނެ ބައެއް މުހިންމު ކުޅުންތެރިންގެ ތެރޭގައި ރިލްވާން ވަހީދު (ރިލޭ) އާއި، މުޙައްމަދު ޖައިލަމް (އޮގީ) އަދި ޕާކިސްތާނުގެ ގޯލްކީޕަރު ސާގިބު ހިމެނެއެވެ. އަދި ނާހިލްވެސް ފެނުން ގާތް ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު، ދިވެހި ޕްރިމިއަރ ލީގު ފަށަނީ އެ މަހުގެ 10 ވަނަ ދުވަހުއެވެ.