ޚަބަރު

ޖެނުއަރީ މަހު އެކަނިވެސް 5 ކުއްޖަކު ޢާއިލާއާ ހަވާލުކުރި


  • ޖުމްލަ 258 މައްސަލަ ޖެނުއަރީ މަހު ވަނީ ރިޕޯޓުކޮށްފައި

  • ކުޑަކުދީންނާ ގުޅޭ 112 މައްސަލަ ވަނީ ރިޕޯޓްކޮށްފައި

  • ގެވެށި އަނިޔާގެ 57 މައްސަލައެއް ހުށައެޅި

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 21 މައްސަލައެއް ހުށައެޅި

މި އަހަރުގެ ޖެނުއަރީ މަހު 1 ކުއްޖަކު ފޮސްޓަރކޮށް، 5 ކުއްޖަކު އާއިލާއާ ޙަވާލުކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން ވަނީ މިއަހަރުގެ ޖެނުއަރީ މަހު ހުށައަޅާފައިވާ މައްސަލަތަކުގެ ތަފްސީލުވެސް ޢާންމުކުރައްވާފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެ ވުޒާރާއަށް ޖުމްލަ 258 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 112 މައްސަލަ ޖެނުއަރީ މަހު ވަނީ ރިޕޯޓްކޮށްފައެވެ.

ޖެނުއަރީ މަހު ރިޕޯޓްކުރި ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައް:

* އިހުމާލުވުމުގެ 32 މައްސަލަ
* ޖިސްމާނީ ހާނިކައިގެ 21 މައްސަލަ
* ޖިންސީ ހާނިކައިގެ 20 މައްސަލަ
* ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ
* ނަފްސާނީ ހާނިކައިގެ 9 މައްސަލަ
* އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ
* އެހެން ކުދިންގެ ފަރާތުން ފުރައްސާރަ ލިބުމުގެ 6 މައްސަލަ
* ބިރުދެއްކުމުގެ 2 މައްސަލަ

ތަފާސްހިސާބުތައް ދައްކާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 57 މައްސަލައެއް ޖެނުއަރީ މަހު އިޖުތިމާޢީ ވުޒާރާއަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 26 މައްސަލައެއް ހިމެނެއެވެ. އަދި ނަފްސާނީ އަނިޔާ ކުރުމާއި އަނގަ ބަހުން ކުރެވޭ އަނިޔާގެ 17 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 6 މައްސަލައެއްވެސް ހިމެނެއެވެ.

ޖެނުއަރި މަހު ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 21 މައްސަލައެއް އިޖުތިމާޢީ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 14 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 4 މައްސަލަ އަދި ހަޟާނާތުގެ 3 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 26 މައްސަލަ ޖެނުއަރީ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަވެސް އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 26 މައްސަލައެއްވެސް އެ މަހު ވަނީ ހުށަހަޅާފައެވެ.

ޖެނުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 152 އެވެ. އެމަހު ދައުލަތަށް އަލަށް 1 ކުއްޖަކު ނަގާފައިވެއެވެ. އަދި 1 ކުއްޖަކު ފޮސްޓަރކޮށް، 5 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ނުވަތަ ޙަވާލު ކުރެވިފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އާއިލީ ތަރައްްޤީއާބެހޭ ވުޒާރާއިން އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީވެސް އާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރެއިން ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެދަށުން އަދުގެ ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ.