ޚަބަރު

މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުން ގާތަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްފި


  • ރަމަޟާންމަހު ހަވީރު 5 އަކުން ރޭގަނޑު 10:30 ބަލިމީހުންނަށް މިހާރު ޒިޔާރަތްކުރެވޭނެ

މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުން ގާތަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކޮށްފިއެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާޤް ޙަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާފައިވާކަމަށެވެ. އެގޮތުން ބަލިމީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 22:30 އަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.


މި ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް އާންމުކޮށް ކަނޑައަޅާފައި އޮންނަނީ ހަވީރު 17:00 އަކުން ރޭގަނޑު 20:00 އަށެވެ.

މާލޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތައް ހިންގަމުންދަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުންނެވެ. މީގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލް ހިމެނެއެވެ.