ޚަބަރު

ޑެމްބެލޭގެ ދެ ލަނޑާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް


ފްރެންޗް ލީގުގައި ރޭ ރެންއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި 15 ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ހޯދައިފިއެވެ.

ރެންގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވުމާއެކު އެ ޓީމަށް ވަނީ 25 މެޗުން 65 ޕޮއިންޓާއެކު ތާވަލުގެ ކުރި ލިބިފަ އެވެ. ދެވަނައިގައި އޮތް މާސޭއަށް 25 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. މި މެޗުން ބަލިވި ރެން އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގަ އެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 27 ވަނަ މިނިޓުގައި ޕީއެސްޖީގެ ބްރެޑްލީ ބާކޯލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ ގޯލެއް ފެނިގެންދިޔަ ނަމަވެސް ޕީއެސްޖީއަށް ވަނީ ލީޑު ފުޅާ ކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޕީއެސްޖީގެ ގޮންޒާލޯ ރާމޯސް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ރެންގެ ބްރޭސިއާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ޕީއެސްޖީން ޖެހި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އުސްމާން ޑެމްބެލޭ އެވެ. އޭނާ މި ދެ ލަނޑު ޖަހާފައިވަނީ ތިން މިނިޓުގެ ތެރޭގަ އެވެ. ޑެމްބެލޭ މި މެޗުގައި ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގަ އެވެ.

މީގެ އިތުރުން ފްރެންޗް ލީގުގައި ރޭ ލެންސް އާއި ދެކޮޅަށް މާސޭ ކުޅުނު މެޗުން މާސޭ ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

މި މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު އެ ޓީމުން އަންނަ އަންގާރަ ދުވަހު ނިކުންނާނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ލިވަޕޫލް އާއި ދެކޮޅަށެވެ.