މިއަހަރުގެ ރަމަޟާންމަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ގްރޫޕްތައް، ޢުމްރާގެ އަޅުކަން އަދާކުރުމަށްފަހު، އެނބުރި ރާއްޖެ އަންނަ ފަށައިފިއެވެ.
އެގޮތުން މިއަދު ވަނީ އަލް-ޙަރްމައިން ގްރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ގްރޫޕް ރާއްޖެ އައިސްފައެވެ. އެ ގްރޫޕްގެ ޙަވާލުގައި މިއަހަރު ޖުމްލަ 50 މީހުން ވަނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައެވެ.
އަލް-ޙަރްމައިން ގްރޫޕްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، އެ ގްރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ފަރާތްތަކުގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދެއްވާފައިވާލެއް ފުރިހަމަކަމުން، ހުރިހާ ޢުމްރާވެރިންވެސް އެކަމާއި ވަރަށް ހިތްހަމަޖެހިފައިވާކަމަށެވެ.
މިއީ އަލް-ޙަރްމައިން ގްރޫޕްގެ ޙަވާލުގައި ރަސްމީގޮތެއްގައި ޢުމްރާއަށް މީހުން ގެންދިޔަ ދެވަނަ ފަހަރެވެ. އެ ގްރޫޕުން ބުނީ ޙައްޖު ކޯޓާގެ ގޮތުގައި 200 މީހުންގެ ކޯޓާ އެ ގްރޫޕަށް މިއަހަރު ލިބިފައިވާކަމަށާއި، ޙައްޖަށް މީހުން ގެންދިޔުމުގެ ތައްޔާރީތައްވެސް މިހާރު އެ ގްރޫޕްގެ ފަރާތުން ކުރަމުން އަންނަކަމަށެވެ.
އަލް-ޙަރްމައިންގެ އިތުރުންވެސް ބައެއް އަމިއްލަ ގްރޫޕްތަކުގެ ޙަވާލުގައި މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް މީހުން ވަނީ ގޮސްފައެވެ. މީގެ އިތުރުން ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިވެސް މިއަހަރު ޖުމްލަ 116 ފަރާތަކުން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ.