ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ މިދިޔަ ދައުރުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖޭއެސްސީން ފަނޑިޔާރުންނާ ދެކޮޅަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް ދައުލަތުގެ ބަންޑާރަ ނައިބު ވަނީ ޢާންމުކުރައްވާފައެވެ. އެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2018 ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 56 ފިޔަވަޅެއް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވެއެވެ. އޭގެތެރޭގައި 8 ފަނޑިޔާރުން މަޤާމުން ވަކިކޮށް 3 ފަނޑިޔާރެއްގެ މަޤާމު ދަށްކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ.
ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023ގެ ނިޔަލަށް
މަގާމުން ވަކިކުރި ފަނޑިޔާރުންގެ އަދަދު - 08
ސަސްޕެންޑުކުރި ފަނޑިޔާރުންގެ އަދަދު - 12
މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު - 3
ސްލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު - 33
ޖުމްލަ - 56
ނަމަވެސް ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ފަނޑިޔާރުންނަށް އަޅާފައވަނީ 5 ފިޔަވަޅެކެވެ. އެއީ 3 ފަނޑިޔާރަކު ސަސްޕެންޑުކޮށް ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަބަލައި ނެސޭހަތްދިނުމުގެ 2 މައްސަލައެވެ.
މި ތަފާސް ހިސާބުތަކާއެކު ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖޭއެސްސީން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފުކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާއި ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން "ސްލޫކީވުން" ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެންކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ތަފާސް ހިސާބުތައް ހިއްސާކުރައްވާފައިމިވަނީ ސަރުކާރުން ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާކަމަށްބުނެ އިދިކޮޅުން ދައްކާ ވާހަކަތަކާއި ގުޅިގެންނެވެ. އެ ވާހަކަތައް އިދިކޮޅުން ދައްކަން ފެށީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7އިން 5އަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. ނަމަވެސް އެއީ ހޮޅުދޫ ދާއިރާގެ މެންބަރު އަމިއްލަގޮތުން ކޯޓުތަކުގެ ޤާނޫނަށް ހުށައެޅި އިޞްލާހެކެވެ. އެ އިޞްލާހު ފާސްކުރިނަމަވެސް އަދި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އެ އިޞްލާހު ތަސްދީޤްކުރައްވާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، ފާއިތުވި ސަރުކާރުތަކުގައިވެސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިޤާލީ ސުޕްރީމް ކޯޓުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2014ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދު ކުރިއެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ދުވަސްވަރު 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރުކުރިއެވެ.
ސަރުކާރުން ދެއްވާ ޔަޤީންކަމަކީ ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދެއްވާނެކަމެވެ.