ރިޕޯޓް

ކ. ހުރާ ދީދިބޭ - އަތްތެރި މަސައްކަތް ކުރުމުގައި ނަމޫނާ މީހެއް


ދިވެހިންނަކީ އަތްތެރި މަސައްކަތުގެ ހުނަރުވެރިކަމުގައި އަބަދުވެސް ފާހަގަކޮށްލެވޭ ބައެކެވެ. މި މަސައްކަތަކީ ދިވެހިންގެ ތަރީޚާއި ޘަޤާފަތާވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މަސައްކަތެކެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާއެކު، ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން، އެކިކަހަލަ ދިވެހި އަމިއްލަ އުފެއްދުންތައް އުފައްދައި، އެތަކެތި ވިއްކައިގެން މަންފާ ހޯދަމުން އަންނަ ފަރާތްތައްވެސް މިހާރު ރާއްޖޭގައި މަދެއް ނޫނެވެ. އެފަދަ އެއް ފަރާތަކީ ކ. ހުރާ ޑެއިޒީގެ މުޙައްމަދު ދީދީއެވެ.

ޢާއްމު ނަމުންނަމަ ދީދިބެއަކީ އަތްތެރި މަސައްކަތް ކުރަމުން އަންނަ ހީވާގި މީހެކެވެ. ސަރުކާރު ވަޒީފާއެއްގައި އުޅުމަށްފަހު، ރިޓަޔާޑްކުރުމުން އާމްދަނީ ހޯދާނޭ އިތުރު މަގެއްގެ ގޮތުގައި އޭނާ ޚިޔާރުކުރީ އަތްތެރި މަސައްކަތެވެ. އަތްތެރިކަމުގެ މަސައްކަތުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް، މި މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީންގެ ފުރުޞަތުތައް ރާއްޖޭގައި މަދުކަމުންނާއެކު، ދީދިބޭ މި މަސައްކަތް ފެށީ ބޮޑެތި ގޮންޖެހުންތަކަކާއެކު އެކަނިމާ އެކަންޏެވެ.

img:http://s2.psmnews.mv/images/660x400/14679587753535.jpg|ދީދިބެގެ ބައެއް އުފެއްދުންތައް- ފޮޓޯ: ޕީއެސްއެމް

ދީދިބޭ މި މަސައްކަތް ކުރާގޮތް ބަލާލުމަށް ޕީ.އެސް.އެމްގެ ޓީމުން އޭނާ މަސައްކަތްކުރާ ތަނަށް ދިއުމުން، އޭނާގެ އެކި ކަހަލަ އުފެއްދުންތައް ބަލާލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

އަތްތެރިކަމުގެ އެކި ކަހަލަ ދިވެހި އުފެއްދުންތައް އުފެއްދުމުގެ މަސައްކަތް ކުރުމުގައި މިހާރު ގާތްގަނޑަކަށް 10 އަހަރުވެފައިވާއިރު، ދީދިބޭގެ އެންމެ ބޮޑު ވިސްނުމަކަށްވީ، އޭނާގެ އުފެއްދުތަކަކީ އުކާލެވޭ ސާމާނު ބޭނުންކޮށްގެން އުފައްދާތަކެއްޗަށް ހެދުންމެވެ. އެގޮތުން އުކާލެވޭ ނާށްޓާއި، ލަކުޑިކޮޅުކޮޅު އަދި ބޮލި ފަދަ ރިސައިކަލްކޮށްގެން ބޭނުންކުރެވިދާނެ ސާމާނު ބޭނުންކޮށްގެން އޭނާ އަންނަނީ އެކި ކަހަލަ އަމިއްލަ އުފެއްދުންތައް އުފައްދަމުންނެވެ.

img:http://s1.psmnews.mv/images/660x400/14679587932160.jpg|ދީދިބެގެ ބައެއް އުފެއްދުންތައް- ފޮޓޯ: ޕީއެސްއެމް

ހީވާގިކަމާއި މުރާލިކާމާއެކު ކުރަން ކެރިއްޖެނަމަ މި މަސައްކަތަކީވެސް ރަނގަޅު ޢާމްދަނީ ހޯދިދާނެ މަސައްކަތެއްގެ ގޮތުގައި ދީދިބޭ ދެކެއެވެ. ޚާއްޞަގޮތެއްގައި ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާޢަތާއެކު، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ރަނގަޅު ނަފާއެއް ހޯދުމުގެ ފުރުޞަތު ބޮޑުކަން އޭނާ ފާހަގަކުރިއެވެ. ދީދިބޭ ބުނިގޮތުން ބައެއް މަސްމަހު، ހުރިހާ ޚަރަދެއް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 2000 ޑޮލަރު ނުވަތަ 30،000 ރުފިޔާއާ ގާތްކުރާ ޢަދަދަކަށް ފައިސާ ލިބެއެވެ.

img:http://s2.psmnews.mv/images/660x400/14679588278188.jpg|ދީދިބެގެ ބައެއް އުފެއްދުންތައް- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި އަތްތެރިކަމުގެ އެކިކަހަލަ މަސައްކަތް ކުރުމުގައި ނިސްބަތުން ގިނައިން ޙަރަކާތްތެރިވަނީޢުމުރުން ދުވަސްވީ މީހުންނެވެ. އަދި މިކަމުގައި އުޅޭ ފަރާތްތައް ބޭނުންކުރާ އާލާތްތައް ނުވަތަ މެޝިނަރީޒްތަކަކީވެސް ގިނަ ފަހަރަށް ދިވެހިން އަމިއްލައަށް އުފައްދާ ސާމާނުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. މި ސިނާޢަތް ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިކަހަލަ ކަވި މަސައްކަތްތަކަށް ޒުވާނުންގެ ހުންނަ ޝައުޤުވެރިކަން ކުޑަވުމާއި، މިދާއިރާގައި ޒުވާނުން ޙަރަކާތްތެރިވަމުންދާ މިންވަރު މަދުވުންކަން ދީދީބޭ ފާހަގަކުރެއެވެ.

img:http://s4.psmnews.mv/images/660x400/14679588104723.jpg|ދީދިބެގެ ބައެއް އުފެއްދުންތައް- ފޮޓޯ: ޕީއެސްއެމް

މިދާއިރާއިން ދީދިބޭ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާ ކައިރިން މި މަސައްކަތް ދަސްކޮށްގެން ގިނަ އަދަދެއްގެ ފަރާތްތައް މި ދާއިރާއަށް ނުކުތުންނަ ދުވަސްކަމަށް ދީދިބޭ ބުންޏެވެ. އަދި އޭނާ ގާތުން މި މަސައްކަތް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އޭނާ ބުންޏެވެ.