ތިމާވެށި

ރޯދަމަހު މާލެއިން އުކާލި ކުނީގެ ނިސްބަތް %33 އިތުރު- ވެމްކޯ


މާލެ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް، ނައްތާލުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއާއެވެ.

ވެމްކޯއިން އަންނަނީ ފަހުގެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މާލޭ ސިޓީން އުކާލެވޭ ކުނި މެނޭޖްކޮށް، އެތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށްޓަކައި ވެމްކޯއިން އެކުލަވާލާފައިވާ ނިޒާމްގެ ދަށުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ގޭގެއިން އުކާލެވޭ ކުންޏާއި، އެހެނިހެން ގޮތްގޮތުންވެސް އުފެދޭ ކުނީގެ ތެރެއިން، ކުނިވާ ޒާތުގެ ކުންޏާއި، ކުނިނުވާ ޒާތުގެ ކުނި ވަކިކޮށް، މާލޭގެ ދެ ސަރަޙައްދަކަށް ޖަމާކުރެވި، އެތަކެތި ރައްކާތެރިގޮތުގައި ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން މިހާރުވެސް އަންނަނީ ކުރަމުންނެވެ.

img:http://s1.psmnews.mv/images/660x400/9476.jpg|ވިއްސާރަ ދުވަހެއްގައި މީހަކު ކުނި އުކާލަން ދަނީ / ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

އާބާދީގެ ނިސްބަތުން ބަލާނަމަ ރާއްޖޭގައި އެއް ސަރަޙައްދަކުން އެންމެ ގިނަ އަދަދަކަށް ކުނި އުފެދޭ ސަރަޙައްދަކީ މާލެ ސިޓީ ހިމެނޭ ސަރަހައްދެވެ. ވަކިން ޚާއްޞަގޮތެއްގައި އެހެން މަސްމަހާއި ޚިލާފަށް ރަމަޟާންމަހު ގޭގެއިން އުކާލާ ކުނީގެ ނިސްބަތް އިތުރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މާލޭގައި ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 70 ޕިކަޕުގެ ކުނި އުކާލެވޭއިރު، ނިމިގެންދިޔަ ރަމަޟާންމަހު މި ނިސްބަތް 33 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ވެމްކޯގެ އޮޕަރޭޝަންސް ޑިރެކްޓަރ ފާތުމަތު ޝަމްވިލާ ވިދާޅުވިއެވެ. އަދި ރަމަޟާން މަހު ގޭބިސީތަކުން އުކާލާ ކުނިވާ ޒާތުގެ ކުނީގެ ނިސްބަތް އިތުރުވެފައިވާއިރު، ގާކުނީގެ ގޮތުގައި ކޮންސްޓްރަކްޝަން ސައިޓްތަކުން އުކާލެވޭ ކުނި ވަރަށް ބޮޑުތަން މަދުވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލެއިން އެއްކުރެވޭ ކުނި ތިލައްފުއްޓަށް ގެންދިއުމަށް މައިގަނޑުގޮތެއްގައި ވެމްކޯއިން ބޭނުންކުރަމުންދަނީ 250 ޓަނުގެ ކުނި އުފުލާ، ބާޖެއްގެ އިތުރުން، 100 ފޫޓް ދޯންޏެވެ. ޝަމްވީލާ ވިދާޅުވީ، އާއްމު މަސްމަހު މަހު ދުވާލެއްގެ މައްޗަށް ބާޖުގެ އިތުރުން 5 ދޯނީގެ ކުނި ތިލަފުއްޓަށް ގެންދާކަމަށެވެ. އެހެން ނަމަވެސް މިއަހަރުގެ ރަމަޟާން މަހު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް ބާޖާއެކު 7 ދޯނީގެ ކުނި މާލެއިން ތިލަފުއްޓަށް ގެންދަންޖެހުނު ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14629011256774.jpg|މާލޭގެ މަގެއްގެ މަތީގައި ކުނި ބަހައްޓާފައި - ފައިލް ފޮޓޯ: ޕީއެސްއެމް

މާލޭ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ގޮތުން ވެމްކޯގެ ފަރާތުން ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ކުނިއުފުލުމުގެ މައްސަލަ ޙައްލުކުރުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ތިލަފުށީގައި މިކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރެވި، ކުނި ނައްތާލުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ. ހަމައެހެންމެ މާލޭ އިރުދެކުނު ފަރާތުގައި ތަރައްޤީކުރާ އިންޑަސްޓްރިއަލް ވިލެޖްގައި ވޭސްޓް ކަލެކްޝަން ސަރވިސް ސެންޓަރެއް ޤާއިމުކުރުންވެސް ހިމެނެއެވެ.