ޚަބަރު

ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް މިފްސާ ބޯޑުގައި ވިސާމް ދެމިހުންނަވާނެ


  • ވިސާމް މަގާމުން އިސްތިއުފާ ދެއްވީ 11 އަހަރު ފަހުން

  • ވިސާމް ވަނީ ވިޔަފާރީގެ ކުރިއެރުވުމަށް ގިނަ މަސައްކަތް ކޮށްދެއްވާފައި

ރަޖިސްޓްރަރ އޮފް ކޮމްޕެނީސް ކަމުން މަރިޔަމް ވިސާމް އިސްތިއުފާ ދެއްވި ނަމަވެސް، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް އޮތޯރިޓީގެ ބޯޑުގައި ދެމިހުންނަވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަގާމުގައި 2014 ވަނަ އަހަރު ފެށިގެން ހުންނެވި، މަރިޔަމް ވިސާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވޭތުވެދިޔަ 11 އަހަރު ވިސާމް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އެ ވުޒާރާއިން ވިދާޅުވީ ވިސާމް މަގާމުގައި ހުންނެވި މުއްދަތުގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ހަރުދަނާ އޮނިގަނޑެއް ޤާއިމްކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.

ވިސާމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް ކަމުން އިސްތިއުފާ ދެއްވިއިރު އޭނާއަކީ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭޝަލް ސަރވިސް އޮތޯރިޓީގެ ގަވަރނިން ބޯޑުގެ މެންބަރެއްވެސްމެއެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިސާމް އެ މަޤާމުގައި ދެމިހުންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި ވިސާމަށް ޝުކުރު އަދާކުރައްވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށެވެ. އެއިދާރާގެ ބޯޑުގައި ވިސާމް ހިމެނޭހެން އެކި ދާއިރާތައް ތަމްސީލްކުރައްވާ 7 ބޭފުޅުން ތިއްބަވައެވެ.

މާކެޓިން މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ވިސާމަކީ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބައެއް އިސް މަގާމުތައް ވެސް ކުރިން ފުރުއްވާފައެވެ.