ޖުމްހޫރީ މައިދާނަކީ ދިވެހިންގެ މިނިވަންކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ތާރީޚީ ތަނެކެވެ. ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ގޮސް އުޅޭ އެތަން ރަނގަޅުގޮތުގައި ބެލެހެއްޓުމަކީ ހުރިހާ ދިވެހިންގެވެސް ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.
ޖުމްހޫރީ މައިދާން ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެތަން ހުޅުއްވައި ދެއްވާފައެވެ.
ޖުމްހޫރީ މައިދާން މަރާމާތުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޤައުމީ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ ބިނާއަކާއެކު ހިތްގައިމު ގޮތަކަށް ތައްޔާރުކޮށްފައިވާ ފެންއަރުވާވަޑާމަކާއެކުގައިކަން ފާހަގަކޮށްލެވެއެވެ. ފެންއަރުވާ ވަޑާން ޑިޒައިންކޮށްފައިވަނީ މިއުޒިކާ އެއްވަރަށް އެކި ކުލަތަކުން ދިއްލޭގޮތަށް، ކުޑަކުދިންނަށާއި، އެކި އުމުރުފުރާގެ މީހުންނަށްވެސް، ފެންއަރުވާ ވަޑާމުގެ ތެރެއަށް ވަދެވޭނެފަދަ ގޮތަކަށެވެ.
ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަތަމީ އޮންނަތަނަކަށް ވުމުން އެތަނަށް އަބަދުވެސް އެތައް ބަޔަކު ގޮސްހަދައެވެ. ޚާއްސަކޮށް ހަވީރު ގަޑިތަކުގައި ކުޑަކުދިން އާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރާ ތަނެއްކަން ފާހަގަކޮށްލެވެ. މީގެ އިތުރުން މާލެއަށް އަންނަ ފަތުރުވެރިންގެ މެދުގައިވެސް މިއީ މަޤުބޫލު މަންޒިލެކެވެ.
ހަވީރުގެ ފިނި ގަޑީގައި ކުޑަކުދިން ގޮވައިގެން ކޮތަރަށް ކާދިނުމާއި ތަފާތުއެކި ކުޅިވަރުތައް މިތަނުގައި ކުޅޭތަން މިއީ އާންމުކޮށްވެސް ފެންނަ މަންޒަރެކެވެ. ކުދިންގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމަކީ ހިތަށް ފިނިކަން ލިއްބައިދޭކަމެވެ. އަދުގެ ސަރުކާރުގެވެސް ބޭނުމަކީ މިއީއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ އާންމުންނަށް ފަސޭހަކަމާއި ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކޮށްލެވޭނެ މަގު ފަހިކުރަމުންނެއެވެ.
އެހެން މަސްތަކާއި ޚިލާފަށް މި ރަމަޟާންމަހަކީ މިފަދަ ތަންތަނަށް ގިނައިން މީހުން އެއްވާ މަހަކަށްވާއިރު، މިއަހަރުގެ ރަމަޟާން މަސް ދިމާވަނީވެސް ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއެވެ. މި ރަމަޟާންމަހުގެ ހަވީރު މާލެއިން އެންމެ ހިތްގައިމު މަންޒަރެއް މިފަހަރު ފެނިގެންދާ އެއް ސަރަހައްދަކީ ޖުމްހޫރީ މައިދާނެވެ. ޚާއްސަކޮށް ހަވީރުގެ ވަގުތު ވަރަށް ގިނަ އަދަދެއްގެ ކުދިން އާއިލާއާއެކު މިތަނުގައި ވަގުތު ހޭދަކުރާކަން ފާހަގަކޮށްލެވެއެވެ.
ޖުމްހޫރީ މައިދާނަށް ޒިޔާރަތް ކުރި ބައެއް ފަރާތްތަކުން ވަނީ މިފަދަ ގޮތަކަށް ތަންތަން ތަރައްޤީކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭތީ ހިތްހަމަޖެހޭކަން ފާހަގަކޮށްފައެވެ.
" އަސްލު ވަރަށް އުފާވޭ ރައްޓެހިންނާއި އާއިލާ މީހުންނާއެކީ މި ގޮތައް އައިސް މަޖާކޮށްލެވޭ ތަންތަން ހުރީމައި" ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ކުއްޖަކު ބުންޏެވެ.
އާންމުން އެއްވާ މިފަދަ ތަންތަން އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދާނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ އާއިލާއަކަށްވެސް ހިތްހަމަޖެހިލައިގެން އުފަލާއެކު ވަގުތު ހޭދަކުރެވޭނެ ގޮތް ހޯދައިދިނުމެއެވެ.