ޚަބަރު

ކެނެޑާއާއި މެކްސިކޯއާއި ޗައިނާގެ އުފެއްދުންތަކުން އެމެރިކާއިން ޓެރިފް ނަގަން ފަށައިފި


މެކްސިކޯއާއި ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް 25 އިންސައްތައިގެ ޓެރިފެއް ތަޢާރަފް ކޮށް އަދި ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ޓެރިފް 10 އިންސައްތައިން 20 އިންސައްތައަށް އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން އެމެރިކާގެ އިޤްތިޞާދީ ދުވެލި މަޑުޖެހި ތަކެތީގެ އަގު އުފުލިދާނެ ކަމަށް ބެލެވިއްޖެއެވެ.

އެމެރިކާގެ ސަރުކާރުން އައު ޓެރިފްތައް ތަންފީޡު ކޮށްފައި ވަނީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން ފަތިހު ފަހެއް ޖެހިއިރެވެ. އެމެރިކާއާއެކު އަހަރަކު 2.2 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާ ތިން ޤައުމާ ދެކޮޅަށް އެ ޤައުމުން ޓެރިފްތައް ތަޢާރަފް ކުރީ ފެންޓަނީލް ކިޔާ ޑްރަގަކާއި އެ ޑްރަގް ތައްޔާރު ކުރުމަށް ބޭނުން ކުރާ ކެމިކަލްތައް އެމެރިކާއަށް އެތެރެކުރުން ހުއްޓުވުމަށް އެ ތިން ޤައުމުން އެދެވޭ މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ތަޢާރަފް ކުރި ޓެރިފްތަކުގެ ސަބަބުން ވޯލް ސްޓްރީޓްގެ މައި ސްޓޮކް އިންޑެކްސްތައް ވަނީ ޖެހިޖެހިިގެން ދެވަނަ ދުވަހު ދަށަށް ގޮސްފައެވެ. ޓެކްނޮލޮޖީއާ ގުޅޭ ނަސްޑަގް ކޮމްޕޮސައިޓް އިންޑެކްސް ވެސް ވަނީ ދަށަށް ގޮސްފައެވެ. އޭގެ އިތުރުން ބޭރު ޤައުމުތަކުން މުދާ އެތެރެކުރުމުގެ މައްޗަށް ބަރޯސާވާ ދާއިރާތަކުގެ ޙިއްޞާއަށް ވެސް ވަނީ އަސަރު ކޮށްފައެވެ. އޭޝިޔާއާއި ވިލާތުގެ ޙިއްސާގެ ބާޒާރުގެ އަގުތައް ވެސް ވަނީ ދަށަށް ގޮސްފައެވެ. އޭގެ އިތުރުން ކެނޭޑިއަން ޑޮލަރާއި މެކްސިކަން ޕޭސޯގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ.

އެމެރިކާއިން ޗައިނާގެ އުފެއްދުންތަކަށް ޓެރިފް ތަޢާރަފް ކުރުމުން ޗަައިނާއިން ވަނީ އެމެރިކާއިން އެ ޤައުމަށް އެތެރެކުރާ ބައެއް މުދަލަށް އިތުރު 10 އިންސައްތައާއި 15 އިންސައްތައިގެ ޓެރިފެއް މާރިޗު މަހުގެ 10ވަނަ ދުވަހުން ފެށިގެން ނަގާނެ ކަމަށް އިޢުލާނު ކޮށްފައެވެ. އަދި އެމެރިކާގެ ބައެއް ކުންފުނިތަކުން ޗައިނާގެ އުފެއްދުންތައް ބޭރުކުރުމަށް ދަތިވާ ފަދަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އެމެރިކާގެ ނިންމުމާ ގުޅިގެން ދުނިޔޭގެ ވިޔަފާރިއާބެހޭ ޖަމްޢިއްޔާ, ވޯލްޓް ޓްރޭޑް އޯގަނައިޒޭޝަންގައި ޝަކުވާ އުފުލާފައިވާނެ ކަމަށް ޗައިނާއިން ބުނެފައި ވެއެވެ.

ފާއިތުވި 30އަކަށް އަހަރު އެމެރިކާއިން އެއްެވެސް ޓެރިފެއް ނެގުމެއް ނެތި އެ ޤައުމާއެކު ވިޔަފާރި ކުރަމުން ދިިޔަ ކެނެޑާއާއި މެކްސިކޯއިން ވެސް އޮތީ އެމެރިކާއިން އެޅި ފިޔަވަޅާ ދެކޮޅަށް އަމިއްލަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރަށެވެ. ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެމެރިކާއިން ކެނެޑާއަށް އެތެރެކުރާ 20.7 ބިލިޔަން އެމެރިކާ ޑޮލަރުގެ މުދަލަށް އެ ޤައުމުން 25 އިންސައްތައިގެ ޓެރިފެއް ތަޢާރަފް ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮރެންޖު ޖޫހާއި ޕީނަޓް ބަޓަރާއި ކޮފީއާއި ކަރަންޓު ބޭނުންކުރާ ގޭތެރޭ ސާމާނާއި އަންނައުނާއި ބޫޓު ފައިވާނާއި މޮޓޯސައިކަލާއި ރީތިވާ ސާމާނާއި ކަރުދާސް ހިމެނެއެވެ.

ޓްރޫޑޯ ވިދާޅުވީ ކުރިއަށް އޮތް 21 ދުވަހުގެ ތެެރޭގައި ޓްރަމްޕް ތަޢާރަފް ކުރެއްވި ޓެރިފްތައް އަދިވެސް ދެމި އޮތްނަަމަ ކެނެޑާއިން އެމެރިކާއިން އެތެރެކުރާ އިތުރު މުދަލަށް ޓެރިފްތައް ތަޢާރަފް ކުރާނެ ކަމަށެވެ. އެ މުދަލާ ގުޅޭ ގޮތުން މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށާއި އޭގެ ތެރޭގައި އެއްގަމު އުޅަނދާއި ދަގަނޑާއި މަތިންދާބޯޓާއި މޭވާއާއި ތަރުކާރީއާއި ގެރިމަސް ހިމެނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރޫޑޯ އިތުރަށް ވިދާޅުވީ ޓްރަމްޕް ތަޢާރަފް ކުރެއްވި ޓެރިފްތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ކާމިޔާބު ވިޔަފާރީގެ ގުޅުމަށް ބުރޫއަރާނެ ކަމަށެވެ. އެމެރިކާގެ ރައީސްގެ މަޤާމުގައި ޓްރަމްޕް ހުންނެވި ފުރަތަަމަ ދައުރުގައި އެމެރިކާއާއި ކެނެޑާއާއި މެކްސިކޯއިން ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ވެސް ޓްރަމްޕްގެ ނިންމެވުން ފުށުއަރާކަމަށް ޓްރޫޑޯ ފާހަގަ ކުރެއްވިއެވެ. ކެނެޑާގެ އޮންޓާރިއޯގެ ޕްރެމިއަރ ޑައުގް ފޯޑު ވިދާޅުވީ އޮންޓާރިއޯއިން އެމެރިކާއަށް ފޮނުވާ ނިކެލް އެ ޤައުމަށް ފޮނުވުން ހުއްޓާލައި އޮންޓާރިއޯއިން އެމެރިކާއަށް ކަރަންޓު ފޯރުކޮށްދިނުން ވެސް ހުއްޓާލަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މެކްސިކޯގެ ރައީސް ކްލައުޑިޔާ ޝޭންބައުމް ވިދާޅުވީ ރާވައިގެން ހިންގާ ކުށްތަކާއި ފެންޓަނީލް ޓްރެފިކް ކުރުމާ ދެކޮޅަށް މެކްސިކޯއިން މަސައްކަތް ކޮށްފައި ވަނިކޮށް މެކްސިކޯއިން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ޓްރަމްޕް އެޅުއްވި ފިޔަވަޅުތައް ބަލައި ނުގަނެވޭނެ ކަމަށެވެ. ޓްރަމްޕްގެ ނިންމެވުން ދިފާޢު ކުރެވޭނެ މަޤުބޫލު ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ނިންމެވުމާ ދެކޮޅަށް މެކްސިކޯއިން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި މެކްސިކޯއިން އެ ކަމާ ގުޅޭގޮތުން ނިންމާ ނިންމުންތައް ކުރިއަށް އޮތް އާދީއްތަ ދުަވަހު އިޢުލާނު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވިލާތުގެ އިއްތިޙާދުގެ އެކްސެކެޓިވް ކޮމިޝަނުން ވެސް ވަނީ ޓްރަމްޕްގެ ނިންމެވުމާމެދު ހިތާމަ ކުރާކަމަށް ބުނެފައެވެ. އެ ނިންމެވުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބުރޫއެރުމުގެ ނުރައްކާ އޮތް ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެެ. ނަމަވެސް ކުރިއަށް އޮތް އޭޕްރިލް މަހުގެ 2ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުގެ އުފެއްދުންތަކަށް ވެސް ޓެރިފް ތަޢާރަފް ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ދިރިއުޅުމުގެ ޚަރަދު ކުޑަ ކުރައްވާނެ ކަމަށް ޓްރަމްޕް ވަޢުުދުވެވަޑައިގެންފައިވާއިރު މެކްސިކޯއާއި ކެނެޑާއާއި ޗައިނާގެ އުފެއްދުންތަކުން އިތުރު ޓެރިފްތައް ނެންގެވުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން އެމެރިކާގައި ތަކެތީގެ އަގު ވަނީ އުފުލެން ފަށައިފައެެވެ. އެމެރިކާގެ ބޮޑު ވިޔަފާރިއެއް ކަމަށްވާ ޓާގެޓުގެ ޗީފް އެކްޒެކެޓިވް އޮފިސަރ, ބްރިއަން ކޯނެލް ވަނީ ޓާގެޓުގައި ވިއްކާ މެކްސިކޯއިން އެތެރެކުރާ އެވޮކާޑޯ ފަދަ ބައެއް ތަކެތީގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑު ކުރާނެ ކަމަށް ވިދާޅުވެފައެވެ. 25 އިންސައްތައިގެ ޓެރިފެއް އޮންނަ ނަމަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަގުތަކަށް ބަދަލު އަންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ސާމާނު ވިއްކާ ބެސްޓް ބައި އިން ވެސް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ބެސްޓް ބައި އިން ވިއްކާ ތަކެތީގެ އަގުތަކަށް ބަދަލު އައުން އެކަށީގެންވާ ކަަމަށެވެ. ބެސްޓް ބައިގެ ފިހާރަތަކުގައި މައިގަނޑު ގޮތެެއްގައި ވިއްކަނީ ޗައިނާއިން އެތެރެކުރާ މުދާ ކަމަށާއި ދެވަނައަށް އެންމެ ގިނައިން ވިއްކަނީ މެކްސިކޯގެ އުފެއްދުންތައް ކަމަށް އެ ކުންފުނިން ފާހަގަ ކުރިއެވެ. މީގެ ކުރިން ޑިއުޓީ ނުނަގާ ޗައިނާގެ އުފެއްދުންތައް ކަމަށްވާ ސްމާޓު ފޯނާއި ލެޕްޓޮޕާއި ވީޑިޔޯ ގޭމާއި ސްމާޓް ގަޑިއަާއި ސްޕީކަރާއި ބްލޫޓޫތު ބޭނުންކުރާ އާލާތްތަކަށް ވެސް ޓްރަމްޕްގެ ނިންމެވުވާއެކު 25 އިންސައްތައިގެ ޓެރިފް ނަގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.