ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ޕޮލިސް ކުލަބާއި މީޓިއޯސް މޮޅުވެއްޖެއެވެ.
މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ސީގައި ހިމެނޭ އޮފް އެފްސީ އާއި ޕޮލިސް ކުލަބަވެ. މި މެޗު ފަސް ވިކެޓުން ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ.
މި މެޗުގެ ގުރުދިމާވުމުން އޮފް އެފްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 93 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 18 ބޯޅައިން 42 ލަނޑު ހެދި އަފްޒަލް ފާއިޒެވެ. ޖަވާބުގައި ޕޮލިސް ކުލަބު ކުޅެން އަރައި ހަތް އޯވަރުގެ ތެރޭގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 94 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ބޯޅައިން 32 ލަނޑު އެއްކުރި އިސްމާޢީލް ނަސީރެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ ދެވަނަ މެޗުން މީޓިއޯސް މޮޅުވީ ޚާރިޖީ އަތުން 49 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން މީޓިއޯސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 132 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 36 ލަނޑު ހެދި ރަޔާން ތޮލާލް އާއި، 7 ބޯޅައިން 32 ލަނޑު އެއްކުރި މުޙައްމަދު ރިޝްވާންގެ އިތުރުން 20 ބޯޅައިން 31 ލަނޑު ހެދި އިބްރާހީމް އަލީއެވެ. ޖަވާބުގައި ޚާރިޖީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 83 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 25 ބޯޅައިން 31 ލަނޑު އެއްކުރި އަޙްމަދު ޒަކީއެވެ.