އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި އެންމެ ފަހުގެ ރަނަރަޕް މުއިވެޔޮ ފްރެންޑްސް ކުލަބުން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ ކެޕްޓަން ކަމުގެ ދަށުން ނިކުތް މުއިވެޔޮ ފްރެންޑްސް މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ދަ ގްރާންޑޭ އާއެވެ. މިމެޗު ނިމުނީ އެކެއް އެކަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަނަ ހާފްގެ ކުޅުން ނިމުނީ ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވި ސުމެއް ސުމަކުންނެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޖެހީ ދަ ގްރާންޑޭއިންނެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިބްރާހިމް ޒައީމްއެވެ.
ދަ ގްރާންޑޭއިން ލީޑު ނެގިތާ ދެ މިނެޓުގެ ތެރޭގައި މުއިވެޔޮ ފްރެންޑްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މިލަނޑު މުއިވެޔޮއަށް ކާމިޔާބުކޮށްދިނީ އަހުމަދު ނިޔާޒްއެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މުއިވެޔޮ ފްރެންޑްސްގެ މެދުތެރޭގައި މޮޅު ކުޅުމެއްދެއްކި އިބްރާހިމް ފުރުގާނެވެ.
މިމުބާރާތުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ޒެލޮޓްއެވެ.