އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި ރޭ ހިއުސްޓަން ޑައިނަމޯއާ ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗުގައި ލިއޮނެލް މެސީ ކުޅެފައިނުވާތީ، ހިއުސްޓަންގެ ސަޕޯޓަރުންނަށް ހިލޭ މެޗު ޓިކެޓެއް ދޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ޓެކްސަސްގެ ޝެލް އެނާޖީ ސްޓޭޑިއަމްގައި 22 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހުރިހާ ޓިކެޓެއް ވިކިފައިވަނީ މެސީ ކުޅޭ ތަން ބެލުމަށް ބޭނުންވެގެން ކަމަށް ހިއުސްޓަން އިން ވަނީ ބުނެފަ އެވެ.
މި މެޗަށްފަހު ހިއުސްޓަން އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމާއި އިދިކޮޅަށް ނިކުންނަ ޓީމުތަކުން މެޗަށް ނެރޭނެ ކުޅުންތެރިން ނިންމުމަކީ އެ ޓީމަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި މެޗުގެ ހުރިހާ ޓިކެޓެއް ވިކިފައިވަނީ މެސީ ކުޅޭތަން ބެލުމަށް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އިދިކޮޅު ޓީމުން ނެރޭނެ ކުޅުންތެރިން ނިންމުމަކީ ހިއުސްޓަން އަށް ކުރެވޭނެ ކަމެއް ނޫން. މި މެޗުގެ ޓީކެޓުތައް ހުސްވީ މެސީ ކުޅޭ ތަން ބެލުމަށް ކަމަށް ގަބޫލުކުރާތީ މި މެޗަށް ޓިކެޓް ގަތް ފަރާތްތަކަށް ހިއުސްޓަން މި ސީޒަނުގައި ކުޅޭ އިތުރު މެޗަކަށް ހިލޭ މެޗު ޓިކެޓެއް ދިނުމަށް ވަނީ ނިންމާފަ." ހިއުސްޓަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މެޗުން އިންޓަރ މަޔާމީ 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައިވަނީ ޓެލަސްކޯ ސެގޯވިއާ އާއި ޓަޑެއޯ އަލެންޑޭގެ އިތުރުން ލުއިސް ސުއަރޭޒް އެވެ.
އިންޓަރ މަޔާމީގެ ކޯޗު އާޖެންޓީނާގެ ހާވިއާ މަޝެރާނޯ މި މެޗުގައި މެސީ ބޭނުންކޮށްފައިނުވަނީ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ގައި ކެވޭލިއާ އެފްސީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅޭ މެޗަށް މެސީ އަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.