ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުންނާއި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާނެ ކަމަށެވެ. އެ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ރާއްޖެއަށް އެފަދަ ތަކެތި އެތެރެކުރާ މިންވަރެއްގެ މައްޗަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީގެ އިނާޔަތްތައް ނުދޭނެ ކަމަށެވެ. އަދި ޗައިނާއިން އެތެރެކުރާ ސިނގިރޭޓުންވެސް ޑިއުޓީ ނަގާނީ ރާއްޖެއަށް އެހެން ޤައުމުތަކުން އެތެރެކުރާ ސިނގިރޭޓުން ޑިއުޓީ ނަގާ ރޭޓުން ކަމަށްވެސް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކަނޑާލެވޭ އިމްޕޯޓު ޑިއުޓީތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށާއި ފުރަތަމަ ފަސް އަހަރު ގެއްލޭނެ އާމްދަނީއާ ގުޅޭގޮތުންވެސް މެންބަރު ވަނީ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީ ބިނާވާނީ އެ ޤައުމުން ރާއްޖެއަށް އެތެކުރާ މުދަލުގެ އަގަށް ކަމަށާއި އޭގެ ސީދާ އަދަދުތަކެއް އެނގޭނީ މުއާމަލާތްތައް ހިނގާ ނިމުމުން ކަމަށެވެ.
އިމްޕޯޓު ޑިއުޓީ ދަށްވުމާއި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް ވަޒީރު މުހައްމަދު ސަޢީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި މިފަދަ އެއްބަސްވުންތައް އެކުލަވާލާ ޢަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ޤައުމުތަކުގެ ވިސްނުން ތަފާތުވާނެކަމަށާއި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން މީގެ އެންމެ ބޮޑު ފައިދާއެއް ވާނީ ރައްޔިތުންނަށްކަމަށްވެސް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މަޢާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުންވެސް ޑިއުޓީ މަޢާފުވެއެވެ.