ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވެސް ބަނގްލަދޭޝްގެ ކޯޗަކަށް ހުންނާނީ ސްޕޭނުގެ ކޯޗު ހާވިއާ ކަބަރޭރާ ކަމުގައި ހަމަޖައްސައިފި އެވެ.
ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން މި ގޮތަށް ނިންމީ 2026ގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށްފަހު އެވެ. މި މުއްދަތާ ހަމައަށް އޭނާ ގައުމީ ކޯޗުކަމުގައި ހުރެފިނަމަ ކަބަރޭރާ ވެގެންދާނީ ބަނގަލްދޭޝްގެ ގައުމީ ކޯޗުކަން އެންމެ ގިނަ ދުވަހު ކުރާނެ ކޯޗަށެވެ.
އޭނާ އަށް ބަނގްލަދޭޝްގެ ގައުމީ ކޯޗުކަން ދިނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ކޮންޓްރެކްޓް އާކޮށްފައިވެ އެވެ.
މި މުއްދަތުގައި އޭނާ އެންމެ ގިނަ އިން ބަލިކުރި ގައުމަކީ ދިވެހިރާއްޖެ އެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖެ އަތުން 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި މޮޅުވިއިރު ވޯލްޑްކަޕް ކޮލިފައިންގައި ވެސް ވަނީ މޮޅުވެފަ އެވެ. އަދި މި ދެ ގައުމު އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ބަނގްލަދޭޝް ފުރަތަމަ މެޗުން މޮޅުވެފައިވަނިކޮށް ދެ ވަނަ މެޗުން މޮޅުވީ ވެސް އޭނާގެ އިރުޝާދުގެ ދަށުންނެވެ.
އުމުރުން 40 އަހަރުގެ ކޯޗަކީ ބަނގްލަދޭޝްގެ ގައުމީ ޓީމުގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭނާ އަށް ގައުމީ ކޯޗުކަންދޭން ބަނގްލަދޭޝްއިން ނިންމި ފާއިތުވެދިޔަ ތިން އަހަރު ހޯދާފައިވާ ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ގައުމަކާއި މުބާރާތް ކުޅޭނެ ގޮތެއް ސާފުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާނީ އަންނަ މަހު ނޭޕާލްގައި ބާއްވާ އެކްސްކޯ ބައްދަލުވުމުގަ އެވެ.