ޚަބަރު

"ޓްރޭޑިއަން" ޕޯޓަލް މެދުވެރިކޮށް އިތުރު ޚިދުމަތްތަކެއް ދެނީ


  • އިތުރުކުރީ ވެސަލް ޑިކްލެރޭޝަން، ފަޔަރވޯކްސް އިމްފޯޓް ޕާރމިޓް އަދި ފްލެއަރ އިމްޕޯޓް ޕާމިޓްގެ ޚިދުމަތް

  • ޖޫން 10އާ ހަމައަށް މިހާރު އޮންނަ އުސޫލުން ޚިދުމަތްތަކަށް އެދެވޭނެ

މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ޓްރޭޑިއަން ޕޯޓަލްއަށް 3 ޚިދުމަތެއް އިތުރުކުރާނެކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

"ޓްރޭޑިއަން" އަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.

މިއީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އަންނަ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ.

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޓްރޭޑިއަން ޕްލެޓްފޯމްމެދުވެރިކޮށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ތެރެއަށް ވެސަލް ޑިކްލެރޭޝަން، ފަޔަރވޯކްސް އިމްފޯޓް ޕާރމިޓް އަދި ފްލެއަރ އިމްޕޯޓް ޕާމިޓްގެ ޚިދުމަތް މިމަހުގެ 10ވަނަ ދުވަހުން ފެށިގެން އިތުރުކުރާނެކަމަށެވެ.

އަދި އެ ޚިދުމަތްތަކަކީ ޓްރޭޑިއަން ޕްލެޓްފޯމަށް އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކަށް ވުމާއެކު، ޚިދުމަތް ހޯދާ ފަރާތަކަށް ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތްތަކަށް އެދުމަށް އަހުލުވެރިވުމަށް، ޓްރޭޑިއަން ޕްލެޓްފޯމްގެ އިތުރުން މިހާރުވެސް އޮންނަ އުސޫލުން ޖޫންމަހުގެ 10އާ ހަމައަށް ޚިދުމަތްތަކަށް އެދުމުގެ ފުރުޞަތު އޮންނާނެކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް ޖޫން 11 އިން ފެށިގެން އެ ޚިދުމަތްތަކަށް އެދެވޭނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށްކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޓްރޭޑިއަން ޕްލެޓްފޯމްއަށް އިތުރު ކުރެވުނު 3 ޚިދުމަތް ފޯރުކޮށްދޭނެ ތަންތަން:

ފަޔަރވޯކްސް އިމްޕޯޓް ފަރމިޓް ހުށަހެޅުން

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް

ފްލެއަރ އިމްޕޯޓް ފަރމިޓް ހުށަހެޅުން

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް

ވެސަލް ޑިކްލެރޭޝަން

މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް
ޕޯރޓް ހެލްތް
މޯލްޑިވްސް އިމިގްރޭޝަން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެނޑް ޓްރޭޑް
ޓްރޭޑިއަން ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.

މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް 3334001 އަށް ގުޅުއްވުމަށް ނުވަތަ [email protected] އީމެއިލް ކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.