އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރުހުން ދީފިއެވެ. މިބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭހެއްކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.
އެޑީއެޗްޑީ ނުވަތަ އެޓެންޝަން-ޑެފިސިޓް، ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއްކަމަށްވާ މެތަލްފެނެޑޭޓް، ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައިވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ ތެރޭގައި ހިމެނޭ މިބޭސް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހިމެނޭ މަނާތަކެތީގެ ލިސްޓުން އުނިކުރުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފެނިވަޑައިގަންނަވާކަމަށް ވަޒީރުންގެ މަޖިލީހުންވަނީ ނިންމަވާފައެވެ.
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަށް އިޞްލާޙު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ދިރާސާކުރުން pic.twitter.com/dc2gFPFpan
— People's Majlis (@mvpeoplesmajlis) May 6, 2026
މިކަމުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، ކޮމިޓީގެ އިއްތިފާޤުންވަނީ މަނާކޮށްފައިވާ ތަކެތީގެ ލިސްޓުން އެބޭސް އުނިކުރަން ފެންނަކަމަށް ރުހުން ދީފައެވެ.
މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގައި ޢަލާމާތްތައް ކުޑަކުރެވޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.