މިހާތަނަށް ސައުވީސް ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ ކ. ދިއްފުއްޓަށްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުން ދައްކާގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށްކަމަށެވެ. އެއީ 296.1 މިލިމީޓަރުގެ ވާރޭއެވެ. އަދި މިއީ ސައުވީސް ގަޑިއިރުތެރޭގައި މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑުކޮށްފައިވާ އަދަދުކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެކުރިން އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވަނީ މިދިޔަ އަހަރު އޮގަސްޓުމަހު ހއ. ކެލާއަށެވެ. އެގޮތުން އޭރު ކުރި ވިއްސާރައިގައި ކެލާއަށް ވަނީ 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރިކޯޑުކުރެވިފައެވެ.
ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއަށެވެ. އެއީ 185.2 މިލިމީޓަރުގެ ވާރޭއެވެ. މި ވިއްސާރައިގައި އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭވެހުނީ ފ. ނިލަންދޫއަށެވެ. ނިލަންދޫއަށް 178.2 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
* ހުޅުލެ – 177.2 މިލިމީޓަރުގެ ވާރޭ
* ކ. ގާފަރު – 124.4 މިލިމީޓަރުގެ ވާރޭ
ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައިގައި މާލެ އަތޮޅު ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިންގައިފައިވެއެވެ. އެގޮތުން ކ. ދިއްފުއްޓަށް ވެހުނު ވާރޭގައި ވަނީ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެފައެވެ.
ފާއިތުވި 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭ ވެހިފައިވެއެވެ. މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އެއާ ގުޅިފައިވާ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. އެއިދާރާއިން ވިދާޅުވީ މިސަރކިއުލޭޝަން ރާއްޖޭގެ އުތުރަށް ޖެހެމުންދާތީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ.