ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ސަރުކާރު ބަނދު ދުވަހެއްގެ ގޮތުގައި މިއަދު ހަމަޖައްސާފައިވާތީ މިއަދު ބޭންކުތައްވެސް ބަނދުވާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
ބޭންކުތަކުގެ ބެލެނިވެރި ފަރާތްތަކަމަށްވާ އެމްއެމްއޭއިން މިކަމާއި ގުޅިގެން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައި ވާތީ އެމްއެމްއޭ އާއި ބޭންކުތައް މިއަދު ބަންދުވާނެ ކަމަށެވެ.
މިއަދު ބޭންކުތައް ބަނދުވާއިރު، ރޯދަމަހު ބޭންކުތަކުން ޚިދުމަތް ދޭނެ ވަގުތުތައް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. ރަމަޟާން މަހާއި ޝައްވާލު މަހުގެ 6 ރޯދައިގެ ދުވަސްތައް، އެމްއެމްއޭއިން ޚިދުމަތް ދޭނީ ހެނދުނު 9:30 އިން މެނދުރު 12:00 އަށެވެ. މި ގަޑިތަކުގައި ބޭންކިން ޚިދުމަތާއި ސިޓީ އަދި އެހެނިހެން ތަކެކި ބަލައިގަތުމުގެ ޚިދުމަތް ދޭނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ރަސްމީ ބަނދު ދުވަސްތަކުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައިވުމުން، އެ ދުވަސްތަކުގައި ޚިދުމަތް ދޭނީ ދެ ދުވަހުކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އެއީ މާރިޗު 27 އަދި 29 ވަނަ ދުވަހުއެވެ. އެ ދެދުވަހުވެސް އެމްއެމްއޭއި ރޯދަމަހުގެ ގަޑިތަކުގައި ޚިދުމަތް ދޭނެއެވެ.