ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިން މެޗު ކުޅެން އިރާގުން ބޭނުންވަނީ އުރުދުން އަދި ޤުދުސް ނޫން ތަނެއްގައި


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗު އުރުދުންގެ ވެރިރަށް އައްމާނާއި، ފަލަސްތީނުގެ ވެރިރަށް ޤުދުސް ނޫން ތަނެއްގައި ކުޅޭ ގޮތަށް ހަމަޖައްސައިދިނުމަށް އިރާގުން އެދިއްޖެއެވެ.

އޭޝިއަން ކޮލިފައިންގެ ތިންވަނަ ބުރުގައި ކުޅެވޭ ގްރޫޕް ބީގެ މެޗު މި މަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފަވާއިރު، މި މެޗުގައި ބައްދަލުކުރާނީ އިރާގާއި ފަލަސްތީނުއެވެ. މިމެޗު ފަލަސްތީނުގައި ކުޅެން ހުށަހެޅި ހުށަހެޅުން އިރާގުން ބާތިލުކުރުމުން ފީފާއިން ވަނީ މިމެޗު އައްމާނުގައި ކުޅުމަށް އެދިފައެވެ.

އެހެން ނަމަވެސް އިރާގުގެ ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފަވަނީ ފީފާގެ މި ނިންމުމަކީ އެއިދާރާގެ އުސޫލުތަކާއި ތަޢާރުޒުވާކަމެއް ކަމުން މިކަން އަލުން ބަލާދީ، މި މެޗު އެހެން ސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި ފުޓްބޯޅައިގެ ދުނިޔޭގެ މައި އިދާރާ (ފީފާ) ގައި އެދިފައިވާނެ ކަމަށެވެ.

ގްރޫޕް ބީގެ ވާދަވެރިކަމަށް ބަލާއިރު ފީފާގެ މި ނިންމުމަކީ މުބާރާތުގެ ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭކަމެއްކަމަށްވެސް އައިއެފްއޭގެ ބަޔާނުގައިވެއެވެ. ސަބަބަކީ އިރާގާއި އުރުދުން އަދި ފަލަސްތީނު މި ގްރޫޕްގައި ވާދަކުރަމުންދާއިރު، މިހާރު ތާވަލުގެ އެއްވަނައިގައި އޮތް އިރާގާއި ދެވަނައިގައި އޮތް އުރުދުންއާއި ދެމެދު އޮތް ފަރަގު ކުޑަވުމުން މިއީ އިރާގަށް ކުރިމަތިވާނެ ޕްރެޝަރެއްކަމަށް ދެކޭތީއެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިންވެސްވަނީ މިކަމާއި ވިދިގެން ބުރާސްފަތި ދުވަހު ބަޔާނެއް ނެރެފައެވެ. އެބަޔާނުގައިވާގޮތުން ފަލަސްތީނުގެ ގުދުސްގައި ހުންނަ ފައިސަލް އަލް ހުސައިނީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މި މެޗު ކުޅުމަށް އިރާގުން ދެކޮޅުހެދުމަކީ ފަލަސްތީނުން ކަންބޮޑުވާކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ޕީއެފްއެގެ ބަޔާނުގައިވާ ގޮތުން ފަލަސްތީނުގައި މި މެޗުކުޅުމުގެ ހުއްދަ ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ދީފައިވަނީ އެޤައުމު ދަނޑު ވަރަށް ރަނގަޅަށް ބަލާފައިކަމަށާއި އެހެންނަމަވެސް އިރާގުން އެތަނުގައި މެޗު ކުޅެން ދެކޮޅު ހަދަމުންދާތީ އެކަމާއި މެދު ކަންބޮޑުވާކަމަށް ހާމަކޮށްފައިވެއެވެ.

"އިރާގުގެ މި ނިންމުމާއި މެދު އަހަރުމެން މިތިބީ ވަރަށް ބޮޑަށް ހައިރާންވެފައި. ސަބަބަކީ އިރާގަކީ އަހަރުމެންގެ އެކުވެރިއެއް. އެހެން ނަމަވެސް މިކަމުގައި އަހަރުމެންނާއި މަޝްވަރާ ކުރުމުގެ ބަދަލުގައި އެޤައުމުންވަނީ މި މައްސަލަ ސީދާ ފީފާއަށާއި އޭއެފްސީއަށް ހުށަހަޅާފައި" ޕީއެފްއޭގެ ބަޔާނުގައި ވެއެވެ.

އިރާގުން މިނިންމުން ނިންމި ނަމަވެސް ފަލަސްތީނުގެ ބިމުގައި މެޗުތައް ކުޅުމުގެ ހުއްދަ ހޯދުމަށް ކުރާ ޒަމާންވީ މަސައްކަތް ވަރުކަމެއްނެތި ހުއްޓާނުލާ ދެންވެސް ކުރާނެކަމަށް ޕީއެފްއޭގެ ބަޔާނުގައި ވެއެވެ.

ފަލަސްތީނުގެ މިބަޔާނާއި ގުޅިގެން އިރާގުގެ ފުޓްބޯލަ އިދާރާ އައިއެފްއޭ އިން ބުނެފަވަނީ ފަލަސްތީނަކީ އެމީހުންވެސް ލޯބިވާ ބިމެއްކަމަށާއި، އެހެން ނަމަވެސް އެމީހުންނަށް މިފަދައިން ނިންމަން މަޖުބޫރުވެފައިވަނީ ފަލަސްތީނުގެ ސްޓޭޑިއަމަކީ ޒަމާނަށް ފެތޭ ތަނަކަށް ނުވެފައި މިވަގުތު ވީއޭއާރް ޓެކްނޮލޮޖީވެސް އެތަނުގައި ޤާއިމުވެފައި ނެތުމުންކަމަށެވެ.

ފަލަސްތީނުގައި ބައިނަލް އަޤްވާމީ މެޗެއް އެންމެ ފަހުން ކުޅެފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭގެ ފަހުން ފަލަސްތީނުން "ހޯމް" މެޗުތައް ކުޅެފަވަނީ ގަތަރާއި އުރުދުން އަދި ކުވައިތުގެ އިތުރުން މެލޭޝިއާގައެވެ.