ފްރާންސްގެ ޕީއެސްޖީ ގައި ހޭދަކުރި ދުވަސްތަކަކީ ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް ނޫން ކަމަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބުނެފި އެވެ.
އެޕަލް މިއުޒިކްގެ ޒޭން ލޯ އަށް ދިން އިންޓަރވިއުއެއްގައި މެސީ ބުނެފައިވަނީ ޕީއެސްޖީގައި ހޭދަކުރި ދުވަސްތަކުގައި މެޗުތަކަށް ދިއުމާއި ޓްރެއިނިންތަކާއި އަދިވެސް އެހެނިހެން ކަންތައްތަކަށް ހޭނުމަކީ އޭނާއަށް އެ ކްލަބުގައި އުނދަގޫ ކަމަކަށްވެފައިވާ ކަމަށާއި އަދި އެއީ ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް ނޫން ކަމަށެވެ.
ބާސެލޯނާގައި 21 އަހަރު ހޭދަ ކުރުމަށްފަހު މެސީ އެ ކްލަބު ދޫކޮށް ފްރާންސްގެ ޕީއެސްޖީ އާއި ގުޅިފައިވަނީ 2021 ވަނަ އަހަރު އެވެ. އަދި އެ ކްލަބަށް އޭނާ ކުޅުނު 76 މެޗުގައި ވަނީ 32 ލަނޑު ޖަހައި 35 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޕީއެސްޖީ ދޫކޮށް މެސީ އިންޓަރ މަޔާމީ އާއި ގުޅުމުން ޕީއެސްޖީގެ ޗެއަރމަން ނާސިރު އަލް ހެލައިފީ ވަނީ މެސީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
"ކްލަބުގެ ޓްރެއިނިންތަކަށް ދިއުމާއި މެޗު ތަކުގެ އިތުރުން އެހެނިހެން ކަންތައްތަކަށް ޕީއެސްޖީގައި ހޭނުމަކީ އުނދަގޫ ކަމަކަށްވެ އެއީ އަހަރެންނަށް އެހާ ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއް ނޫން." މެސީ ބުންޏެވެ.
"އިންޓަރ މަޔާމީ އަށް އައިއިރު މި ކްލަބަކީ ވަރަށް އައު އަދި އެއީ ތަރައްގީވަމުން ކުރިއަރަމުން އަންނަ ކްލަބެއް ކަމަށްވާތީ މާބޮޑު އުނދަގުލެއް ނެތި މި ކްލަބުގައި ކުޅެން ފަސޭހަވެގެންދިޔަ." މެސީ އިތުރަށް ބުންޏެވެ.
އަށް ފަހަރު މަތިން ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ވަނީ އިންޓަރ މަޔާމީ އާއި ގުޅުމަށްފަހު އެކްލަބަށް ރަގަޅު ނަތީޖާތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އަދި މި އަހަރު ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑްކަޕުން އިންޓަރ މަޔާމީ އަށް ފުރުސަތު ލިބިފައިވާއިރު މިއީ އެ ކްލަބަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް މެސީ ވަނީ ބުނެފަ އެވެ. އަދި މިފަދަ ކޮންމެ ފުރުސަތަކީވެސް އެތަކެއް ދޮރުތަކެއް ހުޅުވިގެންދާނެ ފުރުސަތުތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.