 
										
			ރޯދައިގެ މަޤްޞަދަކީ، ދުނިޔެވީ އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަ ހޯދުންކަމަށް މިއަދުގެ ހުކުރު ޙުޠުބާގައި ވިދާޅުވެއްޖެއެވެ. 
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ "ރޯދަވެރިޔާ ޢަމަލުތައް ބަހައްޓާންވީ ގޮތް" މިއެވެ.
ރަމަޟާން މަހަކީ އިންސާނިއްޔަތަށް ބާވައިލެއްވި އެންމެ މާތް ފޮތްކަމުގައިވާ ކީރިތި ޤުރުއާން އެ މައްސަރުގައި ބާވައިލެއްވި މަސްކަމަށްވާއިރު، އެ މަހު ހިފާ ރޯދައާއި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވެއެވެ. 
ހުކުރު ޚުޠުބާގައި ވިދާޅުވީ މި މާތް މައްސަރަކީ ނަރަކައިން ސަލާމަތްވުމާއެކު، ހެޔޮ ޢަމަލުތަކަށް މަގުފަހިވުމުގެ އިތުރުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެއްކަމަށެވެ. 
		
			ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤުވާވެރިވުންކަމަށާއި ތަޤުވާގެ މާނައިގައި ހިމެނޭ ހެޔޮޢަމަލުކުރުމާއި، ފާފަތަކުން ދުރުހެލިވުމަކީ މި މައްސަރުގައި ވަރަށް މުހިންމު ކަމެއްކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. 
އަދި ރޯދައަކީ ތަޤުވާގެ އިތުރުން، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއްވެސް ދޭ އަޅުކަމެއްކަމަށާއި، މި މައްސަރުގައި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމަކީ ދުނިޔެވީ އެދުންތަކުން ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. 
"ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން. ނުބައި ބަސްތައް ބުނުމާއި، އެ ފަދަ ޢަމަލުތައް ކުރުން ހުއްޓައިލައިގެން. އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެން. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް." ޚުޠުބާގައި ވިދާޅުއެވެ.
ޚުޠުބާގައި ވިދާޅުވީ، ރޯދަމަހަކީ މުސްލިމުންގެ އެންމެހައި ޢަމަލުތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓަންޖެހޭ މަހެއްކަމަށެވެ. އެހެންކަމުން، މި މަހުގައި ރަޙިމުގެ ގުޅުން ބަދަހިކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ނަމާދު ޤާއިމުކުރުމާއި، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި، އިޢުތިކާފުގައި ހުރުން ފަދަ އަޅުކަންތައް ގިނަގިނައިން ކުރުމަށް ބާރުއެޅުއްވިއެވެ.
ރޯދައިގެ މަޤްޞަދަކީ، ދުނިޔުވީ އެންމެހައި އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަހޯދުންކަމަށާއި، މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅުމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.