ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން މިކަމާއި ގުޅޭގޮތުން ނެރުނު އިއުލާނުގައި ވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން"ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 21 މާރިޗް 2025 ވާ ހުކުރު ދުވަހުގެ 16:00 ގެ ނިޔަލަށް ހުށައެޅުމަށް އެދޭކަމަށެވެ.
އެސްޓީއޯ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެ ފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދޭނެއެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެމަތީން، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރު އަދި ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުން ހޮވާނެއެވެ.