ދުނިޔެ

ސަލްމާން ރަސްގެފާނުގެ ވަރުގަދަ އިންޒާރެއް އައި.އެސްއަށް


ސައޫދީ ޒުވާނުންގެފިކުރާއި އެމީހުންގެ ސިކުނޑިއާ ކުޅޭ ފަރާތްތަކާ މުއާމަލާތް ކުރާނީ ދަގަނޑުގެ އަތަކުން ކަމަށް ވިދާޅުވެ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު، އައިއެސް އާއި އަލްޤައިދާ ފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކަށް އިންޒާރުކުރައްވައިފިއެވެ. 

ބަރަކާތްތެރި ފިތްރު އީދުގެ މުނާސަބަތާ ގުޅިގެން ސައޫދީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ސަލްމާން ރަސްގެފާނު ވިދާޅުވީ ސައޫދީ އަރަބިއްޔާއަށާއި އިސްލާމީ އުންމަތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމްދީނުގެ ނަމުގައި ބައެއް ޖަމާއަތްތަކުން ގެންގުޅޭ ހަރުކަށި އަދި ހައްދު ފަހަނަޅާފައިވާ ފިކުރުން ޒުވާނުން ސަލާމަތް ކުރުންކަމަށެވެ. ސައޫދީ ރަސްގެފާނު މިމޭރުމުން ވާހަކަ ދެއްކެވީ މިދިޔަ ހޯމަދުވަހު ސައޫދީ އަރަބިޔާގެ ތިން ރަށަކަށް ދިން ބޮމުގެ ޙަމަލާތަކާ ގުޅިގެން އެގައުމަށް ޝޮކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ތިން މީހަކު އަމިއްލައަށް މަރުވެގެން ދިން މިހަމަލާތަކުގެ ތެރެއިން އެއްޙަމަލާ އަމާޒުކޮށްފައި ވަނީ މަދީނަތުލް މުނައްވަރާގައި ހުންނަ އަލް މަސްޖިދުއްނަބަވީގެ ހަރަމްފުޅާ ކައިރީގައިވާ ކާރުޕާކް ކުރާތަނަކަށެވެ. މިހަމަލާތަކުގައި ސައޫދީ ސަލާމަތީ ބާރުތަކުގެ ހަތަރު އޮފިސަރުން މަރުވެ އިތުރު ފަސްމީހުން ޒަޚަމްވެފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/14676560360220.jpg|މަސްޖިދުއް ނަބަވީ ކައިރީގައި ދިން ބޮމުގެ ހަމަލާ

ސަލްމާން ރަސްގެފާނުގެ ޚިތާބުގައި ވިދާޅުވީ ދީނުގެ ނަމުގައި މުސްލިމް ޒުވާނުން މަގުފުރައްދައި ޒުވާނުންގެ ސިކުނޑިތައް ދޮވެލައި ހަރުކަށިކަމާއި ހައްދުފަހަނަޅައި ދިޔުމާއި ބަދަލުހިފުމުގެ ރޫހާއި ފިކުރު އެސިކުނޑިތަކުގައި އަށަގެންނެވުމަށް ބަޔަކު ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާކަމަށެވެ. މިކަމުގެ ސަބަބުން މުސްލިމް ޒުވާނުންގެ އެތަށްބަޔަކު މަގުގެއްލި އިސްލާމް ދީނުގެ މާތް އުސޫލުތަކާއި މަބާދިއުތަކުން ބޭރުވެ ކުށެއްނެތް މީހުން މެރުމާއި ބިމުގައި ފަސާދަކުރުމާއި ޓެރަރިޒަމްގެ އަމަލުތަކާ ދިމާއަށް ދާ ދިޔުމަކީ ހިތާމަހުރި ކަމެއްކަމަށެވެ.  ކޮންމެ މުޖްތަމައެއްގެވެސް އެންމެ އަގުބޮޑު ރައުސުލްމާލަކީ އަދި އެމުޖްތަމައެއްގެ މުސްތަގްބަލަކީ އެމުޖްތަމަޢެއްގެ ޒުވާނުންކަމަށް އިޝާރާތް ކުރައްވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ ކިތަންމެ ބޮޑު އަގެއް ދައްކައިގެން ނަމަވެސް މުސްލިމް ޒުވާނުން ހަރުކަށި ކަމާއި ހައްދުފަހަނަޅައި ދިޔުމުން ސަލާމަތް ކުރަންޖެހޭކަމަށެވެ. 

img:http://s3.psmnews.mv/images/660x400/8603.jpg|އައިސިސް ހަނގުރާމަވެރިންތަކެއް /

އަލްގާއިދާއާއި އައިއެސް ޖަމާއަތާއި އެނޫންވެސް އިސްލާމް ދީނުގެ ނަމުގައި ބޮންގޮއްވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ހައްދުފަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާ ސައޫދީގެ އިތުރުން މުޅި އިސްލާމީ ދުނިޔެއަށްވެސް ވަރަށް ބޮޑުކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. 

މިދިޔަ ހޯމަދުވަހު ސައޫދީ އަރަބިޔާގެ ތިން ސަރަހައްދަކަށް ދިން ބޮމުގެ ޙަމަލާތަކަށްފަހު ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ނާޔިފް ވަނީ ސައޫދީ ކަންކޮޅުތަކުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކަކީ ރައްޔިތުން އެއަށް އިތުބާރު ކުރަންޖެހޭ ގާބިލް ފިޔަވަޅުތަކެއް ކަމަށް ސިފަކުރައްވާފައެވެ. މިއާއެކު މުހައްމަދު ބިން ސަލްމާން ވަނީ ހޯމަދުވަހުގެ ޓެރަރިސްޓް ހަމަލާތަކުގައި ޒަޚަމްވި މީހުންނަށް ފަރުވާދެމުންގެންދާ ހޮސްޕިޓަލަށް ވަޑައިގެން އެމީހުންގެ ހާލުއަޙުވާލު ބައްލަވާލައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14616569552151.jpg|ސަޢޫދީ ވަލީއުލްއަހްދުގެ ނާއިބު އަދި ދިފާއީ ވަޒީރު މުޙައްމަދު ބިން ސަލްމާން- ފޮޓޯ: ޒިންހުއާ

 ސައޫދީ އަށް ދިން ޓެރަރިސްޓް ޙަމަލާތައް ދުނިޔޭގެ ގިނަ ގައުމުތަކަކުން ކުށްވެރިކޮށްފައިވާއިރު އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރ ޒައިދު ބިން ރަޢްދުލްޙުސައިން ވަނީ އެޙަމަލާތަކަކީ ސީދާ އިސްލާމްދީނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ސައޫދީއަށް ދިން ޙަމަލާތަކުގެ ތެރެއިން އެއް ޙަމަލާ، މުސްލިމުންގެ ދެވަނަ ޙަރަމްފުޅު ކަމަށްވާ އަލްމަސްޖިދުއްނަބަވީ އަށް އަމާޒުކޮށްފައިވާތީ އެކަމުގެ ސަބަބުން މުޅި އިސްލާމީ އުންމަތަށް ކުއްލި ޝޮކެއް ލިބިގެންދިޔަ ކަމަށްވެސް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރ ޒައިދު ބިން ރަޢްދުލްޙުސައިން ވިދާޅުވެފައިވެއެވެ.