ތަޢުލީމު

ފައިނޭންސް ޕްރޮޑަކްޓުގެ ދަށުން ވިލާ ކޮލެޖުން ކިޔެވުމުގެ ފުރުޞަތު


އިސްލާމިކް ބޭންކުން ތަޢާރަފްކޮށްފައިވާ އެޑިއުކޭޝަން ފައިނޭންސް ޕްރޮޑަކްޓްގެ ދަށުން ވިލާ ކޮލެޖުން މަތީތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވީ އިސްލާމިކް ބޭންކުގެ މި ޚިދުމަތުގެ ދަށުން ޑިޕްލޮމާއާއި ޑިގްރީގެ އިތުރުން މާސްޓަރސް ފެންވަރުގެ ކޯސްތަކަށް ފުރުޞަތު ލިބޭނެކަމަށެވެ. އަދި ސެޕްޓެމްބަރުމަހު އަލަށް އެ ކޮލެޖުގައި ކިޔަވަން ފަށާ ދަރިވަރުންނަށް އިސްލާމިކް ބޭންކުގެ އެޑިއުކޭޝަން ފައިނޭންސް ޕްރޮޑަކްޓްގެ ދަށުން ކިޔެވުމަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާނެކަމަށް އަލީ ނަޖީބް ވިދާޅުވިއެވެ.

އިސްލާމިކް ބޭންކުގެ ބިޒްނަސް ޑިވެލޮޕްމަންޓް، ސީނިއަރ އޮފިސަރ ނާހިދު އިދުރީސް ވިދާޅުވީ މި ޕްރޮޑަކްޓްގެ ތެރެއިން ދަރިވަރުންނަށް އެންމެ މަތީ އަދަދެއްގެ ގޮތުގައި ފައިނޭންސް ކުރުމަށް ހަމަޖެހިފައި ވަނީ 250،000 ރުފިޔާ ކަމަށާއި އެންމެ ދަށް ވެގެން ފައިނޭންސް ކުރެވޭނީ 30،000 ރުފިޔާ ކަމަށެވެ. 

މި ޚިދުމަތް ލިބޭނީ އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި މަސައްކަތްކުރާ މީހަކަށް ނުވަތަ އެފަދަތަނެއްގައި މަސައްކަތްކުރާ މީހެއް ކޯ އެޕްލިކެންޓެއްގެ ގޮތުގައި ހުށައަޅައިގެން ކަމަށް ނާހިދު ވިދާޅުވިއެވެ.