ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ވިންގާ ލުއިޒް ޑިއާޒްގެ ސޮއި ހޯދުމަށް ބާސެލޯނާއިން މަސައްކަތް ފަށައިފި އެވެ.
ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއިން އެންމެ ބޮޑަށް ބޭނުންވަނީ ކުރިއަށް ކުޅޭ ކުޅުންތެރިއަކު ހޯދުމަށެވެ. މި ގޮތުން ފޯވަޑަކާއި އަރިމަތިން ކުޅޭނެ ކުޅުންތެރިއަކު ހޯދުމަކީ ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަކެވެ.
ވަރަށް ފޯމުގައި ހުރި ދިއާޒް ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރަށެވެ. މިހެންވެ އަންނަ ސީޒަނަކީ އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމާނެ ސީޒަން ކަމަށް ލިވަޕޫލުން ވެސް ދެކެ އެވެ. ދިއާޒަކީ ބާސެލޯނާގެ ސަޕޯޓަރެކެވެ. އަދި އޭނާގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅު ބާސެލޯނާގެ ޖާޒީގައި ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކުރިން ބުނެފަ އެވެ.
ބާސެލޯނާއިން ދިއާޒް ގަތުމަށް އިތުރަށް މަސައްކަތް ކުރަން މި ފެށީ އެކުލަބުގެ މާލީ ހާލަތު ރަނގަޅުވާން ފެށުމުންނެވެ. ހާއްސަކޮށް ސްޕެނިޝް ލީގުން ދީފައިވާ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ކުޅުންތެރިންނަށް ކުރެވޭ ހޭދަ އާއި މުސާރައިގެ ގޮތުގައި ދެވޭނެ އަދަދުގެ ލިމިޓް މިހާރު އެކުލަބަށް ވަނީ އިތުރުވެފަ އެވެ. މިހެންވެ ކުލަބުގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އެންމެ ބޮޑަށް ފާރަލާނެ އެއް ކުޅުންތެރިންތެރިއަކަށް ވާނީ ދިއާޒް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ރަސްމީކޮށް ދިއާޒަށް ބާސެލޯނާގެ ހުށަހެޅުން ފޮނުވާނީ މި ސީޒަން ނިމުމުނެވެ. ނަމަވެސް އޭނާ ގަތުމަށް ބާސެލޯނާއިން ހުށަހަޅާނެ އަދަދު އަދި ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިއާއެކު ލިވަޕޫލުން ވެސް ދިއާޒްގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ތެރޭގައި އާ ކުރަން މަސައްކަތް ކުރާނެ އެވެ. ނަމަވެސް އޭނާ ވަނީ މިހާތަނަށް މިކަމާ ބެހޭ ގޮތުން ލިވަޕޫލުން ދެއްކި ވާހަކަތައް މަޑު ޖައްސާލައިފަ އެވެ.
އަނެއްކޮޅުން މި ސީޒަން ނިމުމާއެކު ލިވަޕޫލަށް ވެގެންދާނީ ވަރަށް ބިޒީ އޮފް ސީޒަނަކަށެވެ. ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކެޕްޓަން ވާޖިން ވެންޑައިކާއި ވައިސް ކެޕްޓަން ޓްރެންޓް އެލެގްޒެންޑާ އާނޮލްޑާއި ފޯވަޑް މުހައްމަދު ސަލާހްގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. މި ކުޅުންތެރިން ކުލަބުގައި ބޭތިއްބުން ފަސޭހަކަމަކަށް ނުވާނެއިރު ބަދަލުގައި އާ ކުޅުންތެރިން ހޯދުމުގައިގައި ވެސް ގޮންޖެހުންތަކެއް ހުންނާނެ އެވެ. މިހެންވެ މިކަމުގެ ފައިދާ ނަގައި ދިއާޒް ގަތުމަށް ބާސެލޯނާ ތައްޔާރުވަނީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.