"ހިނިތުންވުމާއެކު ގައުމީ އެއަރލައިން" ނަމުގައި މޯލްޑިވިއަންއިން ފެށި ކެމްޕެއިންގެ ފުރަތަމަ ހަރަކާތް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވިއަންއިން މިހަރަކާތް ކުރިއަށް ގެންދިޔައީ ފުވައްމުލައް ސިޓީ ކައުންސިލާއި އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެނެވެ.
މޯލްޑިވިއަންގެ "ފްލައި ވިތް އަ ސްމައިލް ނުވަތަ ހިނިތުންވުމާއެކު ގައުމީ އެއަރލައިން" ކެމްޕެއިންއަކީ ޕޮޒިޓިވް ކަލްޗަރއެއް ބިނާ ކުރުމާއި މުޖްތަމައުއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ފުރަތަމަ ހަރަކާތް ކުރިއަށްގެންދިޔައީ ޏ.ފުމައްމުލަކުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންއިން ވިދާޅުވީ މިއީ މި ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ސީއެސްއާރު ހަރަކާތްކަމަށެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން ސުކޫލް ނިންމާ ދަރިވަރުން ވަޒީފާގެ މައިދާނަށް ނުކުންނައިރު ބޭނުންވާނެ ހުނަރު ބިނާ ކުރުމާއި މަސައްކަތުގެ މައިދާނުގައި ދިމާވާނެ ކަންކަމަށް އަހުލުވެރިކުރުން ކުރިއަށްދިޔަކަމަށް މޯލްޑިވިއަންއިން ވިދާޅުވިއެވެ. މީގެއިތުރުން މޯލްޑިވައަންގެ އެކި މައުލޫމާތާއި އެ އެއަރލައިންގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުވެސް ދަރިވަރުންނާއި ވަނީ ހިއްސާކޮށްފައެވެ.
މި ހަރަކާތުގައި ފުވައްމުލަކު ސިޓީގެ 3 ސުކޫލެއްގެ ގްރޭޑް 10 ގެ 65 ދަރިވަރުން ބައިވެރިވެފައިވާކަމަށް މޯލްޑިވިއަންއިން ވިދާޅުވިއެވެ.
"މިއީ އަސްލު ސުކޫލްނިންމާ ދަރިވަރުން މަސައްކަތުގެ މައިދާނަށް ނުކުންނައިރު ބޭނުންވާނެ ސްކިލްސް ދަސްކޮށްދިނުމާއި އިންޓަރވިއުތަކަށް ތައްޔާރުވުން . އަދި މޯލްޑިވިއަންގައި ހުރި ވަޒީފާތަކާއި އެ ވަޒީފާތަކަށް އެކުދިން އަހުލުވެރިކުރުމާއި. އެކުދިންވެސް ވަަރަށް ސުވާލުކުރި. އެކުދިންވެސް މައުލޫމާތު ހޯދަންވެސް ބޭނުންވި. އެހެންވީމައި ވަރަށް ކާމިޔާބު ހަރަކާތެއް މި" މޯލްޑިވިއަންގެ ޖެނަރަލް މެނޭޖަރ ހިއުމަން ރިސޯސަސް. އައިމިނަތު ރުޝްމާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ މައުލޫމާތު ދިނުމުގެ ޝެޝަންއަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބައެއް ދަރިވަރުން ވަނީ މި ހަރަކާތުން ލިބިގެންދިޔަ މައުލޫމާތަކީ ވަރަށް މުހިންމު މައުލޫމާތުތަކެއްކަން ފާހަގަކޮށްފައެވެ. އަދި ހާއްސަކޮށް އޭވިއޭޝަންގެ ދާއިރާގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދިޔަކަމަށް އެ ދަރިވަރުން ބުންޏެވެ.
" މި ސެޝަންއިން ވަރަށް މުހިންމު މައުލޫމާތުތަކެއް އެނގިގެން ހިނގައްޖެ. ހާއްސަކޮށް މޯލްޑިވިއަން އަދި އޭވިއޭޝަން ދާއިރާގެ މައުލޫމާތު ފާހަގަކޮށްލަން" ބައެއް ދަރިވަރުން ފާހަގަކުރިއެވެ.
މި ހަރަކާތުގައި ބައިވެރި ދަރިވަރުނަށް މޯލްޑިވިއަންއިން ވަނީ ޙާއްސަ ސެޓްފިކެޓެއް ހަވާލުކޮށްފައެވެ. މޯލްޑިވިއަންްއިން ވިދާޅުވީ މި އަހަރު ތެރޭގައި މި ހަރަކާތް ރާއްޖޭގެ އެކި ސިޓީތަކުގައި ކުރިއަށް ގެންދާނެކަމަށެވެ. އަދި މާލެ ސަރަހައްދުގައާއި މުޖްތަމައުގެ އެކި ފަރާތްތަކަށް ބައިވެރިވެވޭނެ އިތުރު ހަރަކާތްތަކެއްވެސް މި ކެމްޕެއިންގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާކަމަށްވެސް މޯލްޑިވިއަންއިން ވިދާޅުވިއެވެ.