ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5އަށް މަދުކުރުމަށް މަޖިލީހުން ފާސްކޮށްފި


  • ސުޕްރީމް ކޯޓުގައި މިހާރުު ތިއްބަވަނީ 7 ފަނޑިޔާރުން

  • އިޞްލާހު ގެނައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ޢަދަދު 5އަށް މަދުކުރުމަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ޢަދަދު މަދުކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑީޔާރުންގެ އަދަދު 7 އިން 5 މަދުކުރުމަށް ވަނީ ހިމަނާފައެވެ. މި އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ.

ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު އަމިއްލަ ގޮތުންނެވެ. މިއަދުގެ ޖަލްސާގައި މި އިޞްލާހު ފާސްކުރުމަށް ވޯޓަށް އެހީ ރޯލް ކޯލް ވޯޓު ނަގައިގެންނެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ނިޒާމަށް މައްސަލައެއް ދިމާވުމުގެ ސަބަބުންކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ކޯޓުތަކާ ބެހޭ ޤާނޫނަށް އިޞްލާހު ހުށައެޅީ ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ބަޔާން ކުރެވިފައިވާ ފަދައިން ޤާނޫނު އަސާސީން ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭވެސް އެއްގޮތަށް ބަދަލުކުރުމަށް އިސްލާހުތައް ގެނައުން ރަނގަޅުކުރުމަށް ދެކޭތީކަމަށްވެސް އެ އިޞްލާހު ގެނައުމުގެ މަޤްޞަދުގައި ބަޔާންކުރައްވާފައިވެއެވެ.

މަޖިލީހުން ފާސްކުރި އިޞްލާހުގައިި ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވިވެވަޑައިގަންނަވާ މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފަނޑިޔާރުންގެ ނަންތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައަޅަންވާނެކަމަށްވެސް އިޞްލާޙުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށައަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންވާނެކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ. އެ މުއްދަތުތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށްވެސް ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާހުގައިވެއެވެ. ހަމައެއާއެކު އިޞްލާހުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ކަންކަން ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާކަމަށާއި ކަމާބެހޭ ޤާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު މަޖިލީހަށްވެސް ލިބިގެންވާކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުއާ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި ފަނޑިޔާރު ޙުސްނުއް ސުޢޫދާއި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިޤާލީ ސުޕްރީމް ކޯޓުގައި 5 ފަނޑިޔާރުން ތިއްބެވި އެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2014ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދު ކުރިއެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ދުވަސްވަރު 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރުކުރިއެވެ.