ޚަބަރު

ކުޅުންތެރިން ފޯކަސްކުރަންވީ ފަހަރަކު މެޗަކަށް: ސިމިއޯނީ


ފަހަރަކު މެޗަކަށް ފޯކަސް ކުރުމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އޭނާގެ ކުޅުންތެރިންނަށް އިރުޝާދުދީފިއެވެ.

ސިމިއޯނީ މިހެން ބުނެފަވަނީ ބުރަ ޝެޑިއުލެއްގައި އޭނާގެ ޓީމަށް ކުޅެން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ކޮޕާ ޑެލް ރޭގެ ފުރަތަމަ ލެގުގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ވާދަކުރާނީ ބާސެލޯނާއާއެވެ. ބާސެލޯނާގެ ދަނޑުގައި މިރޭ މިމެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗަކީ ފޯރިގަދަ ވަރުގަދަ މެޗަކަށް ވެގެންދާނެއެވެ.

މިމެޗަށްފަހު އެތުލެޓިކޯ މެޑްރިޑަށް ދެން އޮތީ އަންނަ މަހު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ބައްދަލުކުރަން ހަމަޖެހިފައިވާ މެޗެވެ. އެތުލެޓިކޯ މެޑްރިޑްގެ ބުރަ ޝެޑިއުލަށް ބަލާއިރު، ފަސް ހަފުތާގެ ތެރޭގައި ޔޫރަޕްގެ އެލީޓް ކްލަބް މުބާރާތުގެ ގަދަ 16 ގައި ރެއާލްއާއި ދެކޮޅަށް ދެ ލެގުގެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، ސްޕެނިޝް ލަލީގާގައި ބާސާއާ ދެކޮޅަށްވެސް މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ.

"އެންމެ މުހިންމު ކަމަކީ ކޮންމެ މެޗަކަށް ވަކިވަކިން ފޯކަސްކުރުން. އަހަރުމެން މިތިބީ ވަރަށް ފޯރީގަ. ބޭނުމީ މޮޅުކުޅުމެއް ދައްކަން. ކޮންމެ މެޗަކަށް ވަކިވަކިން ފޯކަސްކުރުމަކީ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އެންމެ މުހިންމު ކަންތައް" ސިމިއޯނީ ބުންޏެވެ.

މީގެ އިތުރުން ސިމިއޯނީ ބުނެފަވަނީ ކުރިއަށް އޮތް މެޗަކީ މުހިންމު މެޗެއް ކަމަށާއި، އެކަމަކު މެޗުގެ ނަތީޖާ އަންނަ ގޮތަކުން ކުރިއަށް ހުރި މެޗުތަކަށް އިތުރަށް ވިސްނާނެ ކަމަށެވެ. އަދި ކޮންމެ މެޗެއްގައިވެސް މަސައްކަތްކުރަނީ އެންމެ ރަނގަޅު ނަތީޖާއަށް ވާސިލުވުމަށް ކަމަށެވެ.

ކޮޕާ ޑެލް ރޭގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ދެކޮޅަށް މިރޭ އެތުލެޓިކޯ މެޑްރިޑް ނިކުންނާނީ ބާސެލޯނާގެ ދަނޑުގައެވެ. މުބާރާތުގެ ދެވަނަ ލެގުގައި ބާސެލޯނާއާއި ދެކޮޅަށް އެތުލެޓިކޯ ނިކުންނާނީ އެމީހުންގެ އަމިއްލަ ދަނޑު މެޓްރޮޕޮލިޓާނޯގައެވެ. މިމެޗްކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 1:30 ގައެވެ.