ދ. މީދޫގައި އަލަށް ތަރައްގީކުރެވުނު ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. މި ދަނޑު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރޭ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދަނޑުގައި ކުޅުނު ފުޓްސަލް މެޗުގައި ބައިވެރިވަޑައިގެންފައެވެ. މި މެޗުގައި ވަޒީރުންގެ ޓީމަކާއި ދ.މީދޫން ހޮވާލެވުނު ޓީމެއް ވާދަކުރިއިރު ރައީސުލްޖުމްހޫރިއްޔާ ކުޅުއްވީ މީދޫ ޓީމަށެވެ. މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.
މި ފުޓްސަލް ދަނޑު މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުން އިއުލާންކޮށްގެން ކޮންޓްރެކްޓް ކުރެވިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ދ. މީދޫ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ގައެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްގެން ހުޅުވި މި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މީދޫއަށް ކުރެއްވި ރަސްމީ ދަތުރުުފުޅުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ގިނަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ގާއިމުކުރާ އިންޑޯ ސްޕޯޓްސް ކޮންޕްލެކްސްގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.