ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ނިންމާފައިވާ ހައުސިން މަޝްރޫޢު ކުރިއަށްގެންދާނީ، ގެއަޅަން ބޭނުންވާ މީހުންގެ ގޯތީގައި ގެ އަޅައިދިނުމަށް އިސްކަންދެއްވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ގެދޮރުވެރިކަމަކީ އެންމެ މުހިންމު މަޝްރޫޢުކަން ތަކުރާރުކުރައްވާ މީދޫގައި އެޅުމަށް ނިންމާފައިވާ 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްކުރިއަށްދާއިރު، ރައްޔިތުން ބޭނުންވާނަމަ ރައްޔިތުންގެ ގޯތީގައި ގެ އަޅާނދޭނެކަމަށެވެ.
"މި ޕްރޮޖެކްޓުގައި މިއަޅަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް. އޭގެ ބައެއް ކަނޑައެޅިދާނޭ ރައްޔިތުން ބޭނުންވާނަމަ ބޭނުންވާ ރައްޔިތުންގެ ގޯތީގައި 3 ކޮޓަރީގެ ގެއެއް އަޅާދެވިދާނޭ. އެމީހާގެ އަމިއްލަ ގޯތީގައި އެގެ ގާއިމްކުރެވޭނީ. އެގޮތަށް ކަނޑައަޅާ ނިމުނީމަ މި ޕްރޮޖެކްޓުގެ ދަށުން ހައުސިން މަޝްރޫޢު ކުރިއަށްގެންދާނީ މަޝްރޫޢު ކުރިއަށްގެންދާ ސަރަހައްދުގައި". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12 ހާހަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ވަޢުދުވެވަޑައިގެންފައެވެ. އެވަޢުދު ފުއްދެވުމަށް ހުރިހާ ހައުސިން މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ބަޔަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން 57 ރަށެއްގައި ހައުސިން ޔުނިޓް އެޅުމަށް ވަނީ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.
ރައީސް ވަނީ ހައުސިން ޔުނިޓް އެޅުމަށް އިޢުލާންކުރި ކޮންމެ ރަށެއްގައި ރަމަޟާން މަސް ނިމުމުގެ ކުރިން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަންބޭނުންވާނަމަ އެކަން ސަރުކާރަށް އެންގުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް އެދޭ ކޮންމެ މީހެއްގެ ގޯތީގައި ގެއަޅާދިނުމަށް އިސްކަންދެއްވާނެކަމަށާއި، އެއަށްފަހު ވަކި ހައުސިން ޔުނިޓްތައް އަޅާނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސަރަހައްދުގައިކަމަށެވެ.
ރައީސްގެ ވަޢުދު ފުއްދެވުމަށް ބީލަމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫޢުތަކެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހުށައެޅޭނީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ. އަދި 51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން 50 އަށްވުރެ މަދުން ހައުސިން ޔުނިޓްތައް އަޅަނީ 18 ރަށެއްގައެވެ. އަދި 51 އާއި 150 ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްޤީކުރަނީ 17 ރަށެއްގައެވެ. އަދި 200-250 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ 10 ރަށުގައެވެ. އަދި 300 އަށްވުރެ ގިނައިން ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ 12 ރަށެއްގައެވެ.