މިއަހަރުގެ ރަމަޟާންމަސް ނިމޭއިރު ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތައް ފެށޭނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިޢުލާންކުރައްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މިމަޝްރޫޢާ ގުޅޭގޮތުން މަލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާރު އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި އަމިއްލަ ކުންފުނިތަކުންވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. ވަޒީރު ވިދާޅުވީ މިހާރު އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ރަމަޟާންމަސް ނިމޭއިރު ފެށޭނެކަމަށެވެ. ޤައުމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅަށް ދާކަމަށެވެ.
" ފަތުރުވެރިކަންވެސް މިދިޔަ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ރަނގަޅުވަމުން މިދަނީ. ޚަރަދު ކުޑަކުރުމާއި ޕްރޮޖެކްޓް ރެޝަނަލައިޒް ކުރުމަށް އެޅޭ ފިޔަވަޅުތަކާއެކު މިއަހަރަކީ ތަނަވަސް އަހަރަކަށް ވެގެންދާނެ. ހަމަ އެއާއެކު މިހާރު ކުރިން ހުއްޓާލާފައިވާ މަޝްރޫޢުތައްވެސް އެކަށީގެންވާގޮތުގައި ފަށައިގަނެވޭނެ ގޮތަށްވަނީ ރޭވިފައި. ޚަރަދު ކުޑަކޮށް ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދެވޭނެ ގޮތަކަށް ރައީސް ރާވައިގެން ގެންދަވަނީ." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެކި ރަށްރަށުގައި 30 ހައުސިން ޔުނިޓުން ފެށިގެން 2،000 ހައުސިން ޔުނިޓާ ހަމައަށް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 50 އަށްވުރެ މަދުން ހައުސިން ޔުނިޓްތައް އަޅަނީ 18 ރަށެއްގައެވެ. އަދި 51 އާއި 150 ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް ތަރައްޤީކުރަނީ 17 ރަށެއްގައެވެ. 200-250 އާ ދެމެދުގެ އަދަދަކަށް ހައުސިން ޔުނިޓްތައް 10 ރަށެއްގައި ތަރައްޤީކުރާއިރު 300 އަށްވުރެ ގިނައިން ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ 12 ރަށެއްގައެވެ.
ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20،000 ހައުސިން ޔުނިޓްގެ މަޝްރޫޢެއް ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެހެންކަމުން ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައިވަނީ ހިމަނާފައެވެ. މީގެތެރެއިން 1 ބިލިޔަން ރުފިޔާ ހިމަނާފައި ވަނީ އުމްރާނީ މަސައްކަތްތަކަށެވެ.