ދީން

ރޯދަމަހު ދެއްކި އީމާންކަމުގެ ނަމޫނާގައި ދެމިތިބެންޖެހޭ- ޚުޠުބާ


ދިވެހިރާއްޖޭގެ ޒުވާނުން މިރަމަޟާންމަހު ދެއްކި އީމާންކަމުގެ މަތިވެރި ނަމޫނާގެމަތީ ދެމިތިބެން ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައްވައިފިއެވެ. 

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ކުރެވުނު އަޟްހާ ޢީދު ޢީދުނަމާދުގައި މައިގަނޑު ހަ ކަމެއްގެ މައްޗަށް ޚާއްޞަގޮތެއްގައި ބާރުއަޅުއްވާފައިވެއެވެ. އެއީ، ރަމަޟާންމަހު އަޅުކަމާއި ހެޔޮކަންކަމަށް ފަރުވާތެރިކަން ބެހެއްޓި ފަދައިން ރަމަޟާން މަހަށްފަހުވެސް ދީނީ ކަންކަމަށް ފަރުވާތެރިވުމާއި ހަ ރޯދަހިފުމާއި ފިޠުރު ޢީދުގައި ނިކަމެތިންގެ މަތީން ހަނދާންކުރުމާއި އިސްލާމް ދީނަށް ލޯބިކުރުމާއި ޒުވާނުންގެ ޢަމަލުތައް ރަނގަޅުކުރުމާއި އަންހެން ކަނބަލުންގެ މަތިވެރި ޒިންމާއާއި ދަރިން ތަރުބިއްޔަތުކުރުމާއި އަނބީންނަށް ހެޔޮކޮށްހިތުމެވެ. ޢީދު ޚުޠުބާގައި ޒުވާނުން ހެޔޮޢަމަލުކުރުންމަތީ ދެމިތިބުމަށް ވަނީ ޚާއްޞަގޮތެއްގައި ބާރުއަޅުއްވާފައެވެ.

"ދިވެހި ޒުވާނުންނޭ.. ތިޔަ ޒުވާނުން ރަމަޟާންމަހު ތިޔަދެއްކި އީމާންކަމުގެ މަތިވެރި ނަމޫނާގެ މަތީ ދެމިތިބުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ރަމަޟާންމަހުގައި ނަމާދުތަކަށް ފަރުވާތެރިވީ ފަދައިން އެ މަހަށްފަހުވެސް އެ ނަމާދުތަކަށް ނަމާދުތަކަށް ފަރުވާތެރިވާށެވެ. ފާޙިޝްކަންކަމާއި އަޚުލާޤީ ހުތުރު ސިފަތަކުން އެއްކިބާވާށެވެ. ޚާއްޞަކޮށް މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، މުސްތަޤްބަލް ނަގާލައި މައިންބަފައިންގެ އުންމީތުތައް ފުނޑުފުނޑުކޮށް ނުލާށެވެ. ދީނާއި ޤައުމަށް ވަފާތެރި ބަޔަކަށް ވާށެވެ. " ޙުތުބަގައި ވިދާޅުވިއެވެ. 

އިސްލާމީ އުންމަތުގެ އެންމެ މުހިންމު އެއްބަޔަކީ ކަނބަލުންކަމަށާއި އެކަނބަލުން ޢިލްމު އުނގެނުމަށާއި ދަރީންނަށް ތަޢުލީމް ދީ، އެ ދަރިން ހެޔޮތުގައި ތަރުބިއްޔަތުކުރުމަށް ވަނީ ޚުޠުބާގައި ނަސޭޙަތްތެރިވެވަޑައިގެންފައެވެ. ދަރީން ތަރުބިއްޔަތުކުރުމާއި އަނބީންނަށް ހެޔޮކޮށް ހިތުމުގެ މައްޗަށް މައިންބަފައިންނަށް ޚުޠުބާގައި ޚާއްޞަގޮތެއްވައި ވަނީ ބާރުއަޅުއްވާފައެވެ.

"ތިޔަބައިމީހުންގެ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ، ތިޔަބައިމީހުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މަތިވެރި މަސްއޫލިއްޔަތެކެވެ. އަދި ތިޔަބައި މީހުންގެ އަނބީންނަކީ، ތިޔަބައިމީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. އެހެކަމުން އެ އަމާނާތަށް ރައްކާތެރިވާށެވެ. އެކނބަލުންނަށް ވަފާތެރިވާށެވެ. އެކަނބަލުންނަށް އަނިޔާވެރިނުވާށެވެ. ޖިސްމާނީ ގޮތުންވެސް އަދި އެ ނޫންގޮތަކުންވެސް އަނިޔާނުކުރާށެވެ. އަނބީންގެ ޚަރަދުބަރަދު ދޭށެވެ." 

ޢީދުނަމާދުގެ އިމާމް ވަނީ، ހެޔޮބަސްބުނުމަށާއި މައިންބަފައިންނަށް ކަމޭހިތުމަށް ދިވެހި މުޖުތަމަޢަށް ނަސޭޙަތްދެއްވާފައެވެ. އަދި ވެރީންނަށް ކިޔަމަންގަތުމަށާއި ހެޔޮކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވުމަށްވެސް ބާރުއަޅުއްވާފައިވެއެވެ. މީގެ އިތުރަށް ވަޢުދަށް ވަފާތެރިވުމަށާއި ތިމާގެ އަޚާ ފަޟީޙަތްނުކޮށް، ނަސޭޙަތްތެރިވުމަށް ބާރުއަޅުއްވައި، މިއީ މާތް ﷲ ލޯބިވެވޮޑިގެންވާ ކަންތައްތަކެއްކަން ހަނދާންކޮށްދެއްވާފައިވެއެވެ.